ދަނޑު ބޭރުން – ލިއޮނެލް މެސީ

Messi with his loabiveriyaa and kid (Thiago)

އެންމެ ކުޑައިރުވެސް މެސީއަކީ އެހެން ކުޅުންތެރިންނާއި ތަފާތު ކުޅުންތެރިއެކެވެ. ކޮށްޓުމާއި ނެއްޓުމާއި، ގޯލްޖެހުމުގައި އާދަޔާ ޚިލާފް ހުނަރެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އާޖެންޓީނާއަށް އުފަންވިނަމަވެސް ހަޔާތުގެ ބޮޑުބައެއް މެސީ ހޭދަކުރަމުންދަނީ ސްޕެއިންގައެވެ. މެސީއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު 4 ކުދިންގެ ތެރެއިން އެންމެ ހަގު ފިރިހެން ކުއްޖާއެވެ. ފުޓްބޯޅައިގައި މެސީ ފުރަތަމަ ކުޅުނު ޓީމުގެ ކޯޗަކީ އޭނާގެ ބައްޕައެވެ. އުމުރުން ފަސް އަހަރުގައި މެސީ ކުޅެމުން ދިޔައީ ބައްޕަ ކޯޗުކަން ކޮށްދެމުން ދިޔަ އާޖެންޓީނާގެ ގްރެންޑޮލީ ކިޔާ ކްލަބަކަށެވެ. އެއަށްފަހު އޭނާ އުފަން ރޮސާރިއޯ ސަރަހައްދަށް ނިސްބަތްވާ ޓީމަކަށް ބަދަލުވިއެވެ. ނަމަވެސް ފުޓްބޯޅައިގެ ތެރެއިން ކުރިއަށް ދިއުމަށް މެސީއަށް އުނދަގޫވީ އޭނާގެ ހަށިގަނޑު ބޮޑުވުމުގައި މައްސަލަތަކެއް އުޅޭތީ ފަރުވާކުރަން ޖެހުމުންނެވެ. މެސީ ގެންދިއުމަށް އޭރު އާޖެންޓީނާގެ ރިވަޕްލޭޓުން ޝައުޤުވެރިކަން ފާޅުކުރިނަމަވެސް އޭނާގެ ފަރުވާއަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެ ކްލަބުން މެސީ ބޭނުމެއް ނުވިއެވެ. މިގޮތުން މެސީގެ ފަރުވާއަށް އޭރު ހޭދަވަނީ މަހެއްގެ މައްޗަށް 900 އެމެރިކާ ޑޮލަރެވެ. ނަމަވެސް މެސީއަކީ ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަކުރެވި ބާސެލޯނާއިން އޭނާއަށް ފަރުވާ ކުރުމަށް ނިންމައި އެ ކްލަބްގެ ޔޫތް އެކަޑެމީއަށް އޭނާ ގެންދިޔައެވެ. އުމުރުން 13 އަހަރުގައި މެސީގެ ޢާއިލާ ސްޕެއިން އަށް ބަދަލުވީ އެހިސާބުންނެވެ. ބާސެލޯނާއަށް ބަދަލުވުމަށްފަހު އެ ކްލަބްގެ ޖޫނިއަރ ޓީމުން އޭނާއަށް ފުރުޞަތު ލިބުނެވެ. ބާސެލޯނާގައި މެސީ ހޭދަކުރި ދުވަސްތަކުގައި އެ ކްބަލަށް މާލީގޮތުން ބޮޑު ގެއްލުމެއް ވާންފެށުމުން ބައެއް ކުޅުންތެރިން ކްލަބުން ދޫކޮށްލަން އެއްބަސްވިއެވެ. މިގޮތުން ސެސް ފެބްރިގާސް އާއި މެސީވެސް ދޫކޮށްލަން ކްލަބުން ވިސްނިއެވެ. ނަމަވެސް ޒުވާން ޓީމްގެ ކޯޗުގެ އެދުމުގެ މަތީން ފެބްރިގާސް ކްލަބުން ދޫކޮށްލާފައި މެސީ ކްލަބްގައި ބަހައްޓަން ނިންމިއެވެ.

Messi with his mom and dad

މެސީގެ ނަން މަޝްހޫރުވަމުން ދިޔަނަމަވެސް އޭނާއަކީ މީޑިޔާއާއި ދުރު ފަރާތެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް މެސީގެ ލޯބީގެ ފަތިފުށް އާއްމުންނަށް އެނގިގެންދިޔައީ މީޑިޔާ މެދުވެރިކޮށެވެ. މިގޮތުން “ހެޓްރިކް ބާސާ” ކިޔާ ޓީވީ ޕްރޮގްރާމަކަށް އޭނާ ދިން އިންޓަވިއުއެއްގައި ކުއްޖަކާއި ގުޅުން ގުޅުން އޮންނަކަމަށް ވަނީ އެއްބަސްވެފައެވެ. އެ ޕްރޮގްރާމްގައި އޭނާވަނީ ލޯބިވެރިއެއް ހުންނަކަމަށާއި، އޭނާއާއި އެކު އުޅެނީ ވަރަށް ހަމަޖެހިގެން ކަމަށް ބުނެފައެވެ. އަދި ލޯބިވެރިޔާ އުޅެނީ އާޖެންޓީނާގައި ކަމަށްވެސް އޭނާވަނީ ބުނެފައެވެ. މެސީގެ މި ގުޅުމަށް ކުއްޖަކު ލިބެން އުޅޭކަން އޭނާ ހާމަކުރީ 02 ޖޫން 2012 ގައި ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި ގޯލް ޖެހުމަށްފަހު، ޖޯޒީ ދަށަށް ބޯޅަ ލުމަށްފަހުއެވެ. މެސީގެ މި ހަރަކާތުން އޭނާ ބައްޕައަކަށް ވާން އުޅޭކަމުގެ ހަބަރުތައް މީޑިޔާގައި ވަގުތުން ފެތުރުނެވެ. އަދި މެސީގެ ލޯބިވެރިޔާ، އެންޓަނޮލާ ވަނީ އެ ފޮޓޯ ޓްވިޓަރ މެދުވެރިކޮށް އޭނާ މެސީގެ ކުއްޖަކަށް ބަލިވެއިންކަން ޔަޤީންކޮށްދީފައެވެ. މެސީއަށް އަލަތު ދަރިފުޅު ލިބުނީ 02 ނޮވެމްބަރ 2012 ގައެވެ. މެސީ ބައްޕައަކަށް ވުމާއިއެކު ފޭސްބުކް މެދުވެރިކޮށް އޭނާ ބުނެފައިވަނީ ތިއާގޯ ލިބުމަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާކަމަށެވެ.

ސްޕެއިންގައި ދިރިއުޅެމުން ގެންދިޔަނަމަވެސް މެސީއަކީ އަބަދުވެސް އަމިއްލަ ވަޒަންދެކެ ލޯބިވާ މީހެކެވެ. މިގޮތުން އޭނާއަށް ލިބޭ ހުސްވަގުތުތަކުގައި ކޮންމެ ދުވަހަކުހެން އާޖެންޓީނާގައި ތިބޭ ރައްޓެހިންނަށް ގުޅައިގެން ވާހަކަދެއްކުމަށް މަސައްކަތްކުރެއެވެ. މީގެ އިތުރުން މެސީ ވަނީ ޤައުމީ ޓީމާއިއެކު އާޖެންޓީނާއަށް ކުރި ޒިޔާރަތެއްގައި ބޮއެނިސް އައެރިސްގައި ހުރެފައި ޓީމްގެ ޕްރެކްޓިސް ނިންމުމަށްފަހު ދިގު ދަތުރެއް ކޮށްފައި އޭނާ އުފަން ރޮސާރިއޯއަށް ގޮސްފައެވެ. މެސީވަނީ އެރޭ އޭނާގެ ޢާއިލާގެ މެމްބަރުންނާއިއެކު ވަގުތު ހޭދަކުރުމަށްފަހު ޖެހިގެން އައި ދުވަހު ޓީމްގެ ޕްރެކްޓިސްގައި ބައިވެރިވެފައެވެ.

Messi - eheetherikan beynunvaa kudhinthakakaa eku

މަޝްހޫރުކަމާއި، މެސީއަށް ލިބިފައިވާ މާލީ ތަނަވަސްކަމުގައި އޭނާއަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭ ފަރާތެކެވެ. މިގޮތުން ފަގީރު ކުދިންނަށް އެހީތެރިވުމަށް ލިއޯ މެސީ ފައުންޑޭޝަންގެ ނަމުގައި 2007 ވަނަ އަހަރު އޭނާވަނީ ޗެރިޓީއެއް ހުޅުވާފައެވެ. މީގެ އިތުރުން 11 މާރޗް 2010 ގައި ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރަކަށްވެސް މެސީ ވަނީ ހަމަޖައްސާފައެވެ. މިއާއެކު ކުދިންގެ ހައްޤުތަކަށް ކުރާ މަސައްކަތްތަކުގައި މެސީގެ ބައިވެރިވުން ޖަމާއަތްތަކަށް ލިބެންފެށިއެވެ.

އަބަދުވެސް ކިޔަމަންތެރިގޮތެއް ހުންނަ މެސީއަކީ އޭނާގެ ސަޕޯޓަރުންނާއިވެސް ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރާ ކުޅުންތެރިއެކެވެ. މިގޮތުން އޭޕްރީލް 2011 ގައި ރަސްމީ ފޭސްބުކް އެކައުންޓެއް ހުޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 6 މިލިއަން މީހުން އޭނާ ފޮލޯ ކުރިއެވެ. އަދި 2013 ވަނަ އަހަރުގެ މާރޗް މަހާއި ހަމައަށް މެސީ ފޮލޯކުރި މީހުންގެ އަދަދުވަނީ 43 މިލިއަނަށް އަރާފައެވެ.

މުޅި ދުނިޔޭގެ ޝައުގުވެރިކަން ހޯދާފައިވާ މެސީ މިފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލަނީ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ ހޯދުމުގެ އަޒުމުގައެވެ. އެހެންކަމުން މެސީ ވޯލްޑްކަޕް ތަށި އުފުލާލާ މަންޒަރު ފެންނާނެކަމުގެ އިންތިޒާރުގައި އޭނާގެ ސަޕޯޓަރުން ތިބީ ދުވަސްތައް ގުނަގުނައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. b

    ދަނޑުބޭރުން މެސީ އާއި އިސްރާއީލް އޮންނަ ގާތް ގުޅުމުގެ ވާހަކަ ގެނައިނަމަ ވަރަށް ފުރިހަމަވީސް….ހެހެހެހެ…..ޓު އޯލް މެސީ ލަވަރސް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.