“އޭދަފުށިން ދެން ކަރަންޓެއް ނުކެނޑޭނެ”

ފެނަކަ އޭދަފުށީ އިންޖީނުގެ. ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތި ނުވާނެކަމަށް އެތަނުން ބުނޭ-- ފައިލް ފޮޓޯ
ފެނަކަ އޭދަފުށީ އިންޖީނުގެ. ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތި ނުވާނެކަމަށް އެތަނުން ބުނޭ– ފައިލް ފޮޓޯ

 

ބ. އޭދަފުއްޓަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ ކަމަށާއި ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމަށް އޭދަފުށީ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

“އީޓީ” އާ ވާހަކަ ދައްކަވަމުން އޭދަފުށީ ފެނަކަ ކޯޕަރޭޝަން ހިންގެވުމާއި ޙަވާލުވެހުންނެވި ސްޓޭޝަން މެނޭޖަރު އަހްމަދު އަންވަރު މިއަދު ވިދާޅުވީ މިދިޔަ ހުކުރުދުވަހު މެންދުރުފަހު ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހުނީ އިންޖީނަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެރޭ މައްސަލަ ހައްލުކޮށް އަލުން އެ އިންޖީނު ބޭނުންކުރަން ފަށާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 “އެދުވަހު ދިމާވި މައްސަލަ މިތަނުގެ މުވައްޒަފުންގެ ބުރަ މަސައްކަތާއެކު ދެތިން ގަޑިއިރު ތެރޭ ހައްލުކޮށްފި. އިރާދުކުރެއްވިއްޔާ ދެން ކަރަންޓް ކަޑާލަން ޖެހުމުގެ މައްސަލަ ކުރިމައްޗެއް ނުވާނެ. އެކަމުވެސް މިހާރު ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ހާލަތު ދަށްވެފައިވާތީ މައްސަލައެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް،” އޭނާ ވިދާާޅުވި އެވެ.

އޭދަފުށީ އިންޖީނުގެއިން ދާދި ފަހުން ބުނީ އަލަށް ބެހެއްޓި 450 ކިލޯ ވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން، އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.

އަންވަރު ވިދާޅުވީ ކައުންސިލުން ހަދިޔާކުރި 450 ކިލޯވޮޓްގެ އިންޖީނު ބޭނުންކުރުން ލަސްވަނީ ޕެނަލް ބޯޑު ނުލިބިގެން ކަމަށެވެ. ނަމަވެސް އިއްޔެ ޕެނަލް ބޯޑު ލިބިފައިވާ ކަމަށާއި ޕެނަލް ބޯޑް އިންސްޓޯލްކޮށް މާ ގިނަ ދުވަސްތަކެއްނުވެ އޭގެ ބޭނުންވެސް ހިފަން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފެނަކަ އާއި ގުޅިގެން 600 ކިލޯވޮޓްގެ މުޅިން އާ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ އިންޖީނުގެއިން ދާދިފަހުން ވަނީ ބުނެފަ އެވެ.

އޭދަފުށީގައި ކަރަންޓް ބޭނުން ކުރާ ނިސްބަތް އިތުރުވެ، އިންޖީނުތަކަށް ލޯޑު ނުހިފެހެއްޓޭ އިރު އިންޖީނުގެ ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.