ރައްޔިތުން މަޖިލިސް މެންބަރުންގެ އިންޝްއަރެންސް ޕެކޭޖް ކަނޑާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މުސާރައާއި އިނާޔަތް ކަނޑައަޅަންޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކުގެ ރިޕޯޓްގެ 3.2 ގައި ކަނޑައަޅުއްވާފައިވާ ފޯނު އެލަވަންސް ލިބޭ މުސްތަޤިއްލު މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލްއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހިމެނޭކަމަށް ބަލައިގެން އެ އުސޫލުން ފޯނު އެލަވަންސް ދިނުމާމެދު ލަފާފުޅަކަށް އެދި އެ އޮތޯރިޓީ އިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަށް ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އިންސުއަރެންސް ޕެކޭޖް ދޭގޮތަށް ނިންމާފައި އެވަނީ ވަރަށް ދުރަށް ވިސްނުމަށްފަހު ކަމަށެވެ.
“މިސާލަކަށް މަޖިލިސް މެންބަރުންނަށްވެސް ފޯނު އެލަވަންސެއް ނުލިބޭ، އެ އުސޫލުން ބަލާނަމަ ދޭންވީނޫންތޯ. އަޅުގަނޑުމެންނަށް ރައްޔިތުން ގުޅާވަރުން އެއިން ކޮންމެ މިސްކޯލަކަށް އަޅުގަނޑުމެން އެބަޖެހޭ ގުޅަން،” ސަލީމް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްއަށް ފޯނު އެލަވަންސް ހަމަޖައްސައިދިނުމަށް އެ ކޮމިޓީގައި ވަނީ އެދިފަ އެވެ. މި ދެ މައްސަލަ ދިރާސާކޮށް 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމައްޓަކައި ހުރިހާ ޕާޓީއެއް ހިމެނޭ ގޮތުން ހަތަރު މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް މައްސަލަ ފޮނުވުމަށްވެސް ވަނީ ފާސްކޮށްފައެވެ.