
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ބޭއްވި ޤުރްއާން ކިޔެވުމުގެ 12 ވަނަ މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ މަރިޔަމް ސާތިއާ މުހައްމަދު އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ އިޔާން އަލީ ވަހީދު ހޯދައިފި އެވެ.

ހުރިހާ އުމުރު ފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ފުރުސަތު ދީގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ މުނާސަބަތުގައި ފޭލި ޖަމިއްޔާ އިން ބާއްވަމުން އަންނަ މި މުބާރާތުގެ ނަތީޖާ ރޭ ފާޅުކޮށްފައިވާ އިރު، ހިތުދަސްކުރުމުގެ ބައިން މިރަށު އުނިމާގެ އުމުރުން 10 އަހަރުގެ މަރިޔަމް ސާތިއާ އެއްވަނަ ހޯދީ 141 ކުދިންނާ ވާދަކޮށްގެންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ މިރަށު އަލިތަރި، އިޔާން އަލީ ވަހީދު 8، ހޯދީ އެ ގޮފިން 134 ކުދިންނާ ވާދަކޮށްގެންނެވެ.
މުޅި މުބާރާތުން ހިތުދަސްކުރުމުގެ ބައިން ދެވަނަ އޭދަފުށީ ދޮންދުބުރިގޭ ހައިޝަމް ޚާލިދު ހޯދިއިރު އެ ބައިން ތިންވަނަ ހޯދީ ލިލީގޭ، ޙައްވާ ފަރާހަތު ނާޝިދު އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ދެވަނަ ހޯދީ އޭދަފުށީ އެތުމާގެ، ފާޠިމަތު އަޒްހާ ޢަބްދުއްސައްތާރު އެވެ. އަދި ތިންވަނަ ހޯދީ މާއްޑޫގެ ޝައުފާ ނަޞީރު އެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލު އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުލްބާގިރު އަހްމަދު އެވެ.
ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަންނަ އަހަރު މުބާރާތުގެ ގަވައިދަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި އަދި އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ރަން ވަނަތައް ހޯދި އެންމެހާ ކުދީންނަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަން، ރަން ވަނަތައް ހޯދުމަށް މަސައްކަތްކުރި އެންމެހާ ކުދީން، އައު ހިތްވަރާއެކު، މަސައްކަތްކޮށް، ދެންލިބޭ ފުރުޞަތެއްގައި ރަންވަނަތައް ޙާޞިލްކުރުމަށް އެދެން.
ސާތިޔާއާއި އިޔާނަށް އަދި ވަނަވަނައަށް އައި ހުރިހާ ކުދިންނަށް ބޭބެގެ ފަރާތުން ވަރަށް ބޮޑަށް ތަހުނިޔާއާއި މުބާރިކުބާދީ އަދާކުރަން.