ފެރީގެ ޚިދުމަތް މެދުކެނޑިފައި!

 ފެރީން އައި ބަޔަކު އޭދަފުއްޓަށް ފައިބަނީ. ފެރީގެ ޚިދުމަތް މިހާރުވަނީ މެދުކެނޑިފައި-- ފައިލް ފޮޓޯ
ފެރީން އައި ބަޔަކު އޭދަފުއްޓަށް ފައިބަނީ. ފެރީގެ ޚިދުމަތް މިހާރުވަނީ މެދުކެނޑިފައި– ފައިލް ފޮޓޯ

ފާތުމަތު ޒުހުދާ އަދި ތޯރިގް އަބްދުއްރަހްމާން

ސަރުކާރުން ބ. އަތޮޅުގައި ދެމުން އަންނަ އަތޮޅު ފެރީގެ ހިދުމަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

މިކަމާ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

“މި ހިދުމަތަށް ބުރޫ އަރަމުން ގޮސް މިކަން އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައިވާހެން މިހާރު ހީވަނީ. ކައުންސިލަށް ގުޅާއިރަށް ބުނާނެ މިނިސްޓްރީ ކަމެކޭ. މިނިސްޓްރީއަށް ގުޅާއިރަށް ބުނާނެ މެދު ކެނޑުނުކަމެއް ނޭނގެޔޭ. އަނެއްކާ ވާނުވާއެއް އެނގެނީކީ ނޫން ރައްޔިތުންނަށް” ވިޔަފާރި ކުރުމަށް ދޭތެރެ ދޭތެރެއިން އޭދަފުއްޓަށް އައިސް އުޅޭ މިއަތޮޅު އުތުރު ބިތުގެ ރަށެއްގެ މީހަކު ބުންޏެވެ.

ބ. ފެހެންދޫ ވާޙަކަ ދެއްކި މީހަކު ވެސް ބުނީ ފެރީގެ ޚިދުމަތް މެދުކެނޑުމުން، އަތޮޅު ހޮސްޕިޓަލަށް ދިއުން ފަދަ ކަންކަމަށް ބޮޑު ތަކުލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

“ޑޮކްޓަރަށް ދެއްކުން ކަހަލަ ބޮޑުކަމެއް ދިމާވެއްޖެ ހާލަތެއްގައި މިހާރު އޭދަފުއްޓަށް ދާން މިޖެހެނީ ބޮޑު އަގުގައި ލޯންޗެއް ހިފައިގެން. މިހާރު މަހަކަށްވުރެ ގިނަ ދުވަސްވަނީ މި ހިސާބަށް ފެރީގެ ޚިދުމަތް ނުލިބޭތާ. އެހެންވެ ފެރީ ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް،” އޭނާ ބުންޏެވެ.

ޓްރާންސްޕޯޓްގެ މީޑީޔާ ކޯޑިނޭޓަރު އަބްދުﷲ ޖަމީލް އަހްމަދު “އީޓީ” އަށް ވިދާޅުވީ ބ. އަތޮޅުގައި ދެމުންގެންދާ ފެރީގެ ހިދުމަތް މިމަހުގެ 17 އިން ފެށިގެން ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް ބ. އަތޮޅު ކައުންސިލާ ގުޅިގެން ފެރީގެ ހިދުމަތް އަލުން ފަށުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެރީގެ ޚިދުމަތް ދެމުންގެންދިޔަ ފަރާތުން މިއަދު އީޓީ އާ ވާހަކަ ދައްކަމުން ބުނީ ފެރީގެ ޚިދުމަތް މެނދުކަނޑާލަން ޖެހުނީ ކޮންޓްރެކްޓް ހަމަވުމާގުޅިގެން ކަމަށެވެ.

“ޖުލައި މަހުގެ ނިޔަލަށް ފެރީގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ކޮންޓްރެކް ވަނީ ހަމަވެފައި. އެހެން ނަމަވެސް އޭގެ ފަހުންވެސް ކައުންސިލުގެ އެދުމުގެ މަތިން އަމިއްލަގޮތުން މިމަގުގެ 17 ގެ ނިޔަަލަށް ފެރީގެ ޚިދުމަތްދީފައި، މިކަމުގައި ދެން ޒިންމާވާނެ ފަރާތެއް ނޭނގޭތީވެ ހިދުމަތް ހުއްޓާލީ،”

އަބްދުﷲ ޖަމީލް އަހްމަދު ވިދާޅުވީ ބ އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން ގެންދިޔައީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި ދާއިމީ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

“އެގޮތުން ދާއިމީ އެއްބަސްވުމެއް ހެދުމަށްޓަކައި ގައިޑް ލައިނެއްވެސް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން މިދަނީ، ނޮވެމަބަހު މަހު ޑައިޑްލަން ނިމޭނެ ކަމަށް ލަފާ ކުރެވޭ. އޭރަށް ދާއިމީ ބިޑަށް ހުޅުވާލައި ފެރީގެ ޚިދުމަތް ދިނުމަށް ބަޔަކާ ހަވާލު ކުރެވޭނެ”

އެ މިނިސްޓްރީން ބުނީ ފެރީގެ ޚިދުމަތް މެދު ނުކެނޑި ނޮވެމްބަރު ނިޔަލަށް ކުރިއަށް ގެންދެވޭތޯ އަތޮޅު ކައުންސިލާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ.

 ފެރީގެ ކަންތައްތައް މޮނީޓާ ކުރަމުން ގެންދާ މި އަތޮޅު ކައުންސިލުންވެސް ބުނީ، މިނިސްޓްރީއާ ވާހަކަ ދައްކައިގެން ފެރީގެ ހިދުމަތް އަލުން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.