ބ. ފުޓްބޯލް ޗެލެންޖު ޖުލައި މަހު

ބ. އަތޮޅުގައި ހިންގާ ލަނޑާ ގިރާވަރު ރިސޯޓުން ސްޕޮންސާ ކޮށްގެން ބާއްވާ ބ. އަތޮޅު ފުޓްބޯލް ޗެލެންޖް ޖުލައި 1 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފީއެއް ނުނަގާއިރު ކޮންމެ މެޗަކަށް ޓީމުތައް އޭދަފުއްޓަށް ގެންދިއުމުގެ ދަތުރު އެ ރިސޯޓުން ހަމަޖައްސައިދެ އެވެ. މިހާރު ތާވަލް ކޮށްފައިވާ ގޮތުން މުބާރާތް ކުރިއަށްދާނީ ޖުލައި 1-25ގެ ނިޔަލަށް އޭދަފުށީ ޓާފް ދަނޑުގަ އެވެ.

މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން ވައިސް ޗެއާޕާސަން ޒައިދު އަލީ ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތަށް ލިބުނު ތަރުހީބާއެކު މިއަހަރުގެ މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް ޖަމިއްޔާއިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އެގޮތުން އެ  ޖަމިއްޔާގެ ފަރާތުން މިކަމަށް ވަކި ޓީމެއް އެކުލަވާލައި މުބާރާތުގައި ބައިވެރިވާ ޓީމުތައް އޭދަފުއްޓަށް އައުމުން ހަމަޖައްސަން ޖެހޭ ކަންކަމާއި މެޗުތައް ލައިވް ކުރުމާ އަދި ދަނޑު ހިމެނޭ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތްތައް ރާވަމުންދާ ކަމަށް ޒައިދު ވިދާޅުވި އެވެ.

މި މުބާރާތުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޓީމުތަކަށް ބައިވެރިވުމުގެ ދައުވަތާއެކު ގަވައިދު ހިއްސާކުރާނެ ކަމަށް ޒައިދު ވިދާޅުވި އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށް ވަނީ 5000 ރުފިޔާ ދީފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި 6-1 އިން ގޮއިދޫ ބަލިކޮށް ހޯދީ ކްލަބް އޭދަފުއްޓެވެ. މުބާރާތުގެ މެޗުތައް ބެލުމަށް ރަށްތަކުން ގިނަ އަދަދެއްގެ ސަޕޯޓަރުން ކޮންމެ ދުވަހަކު ވެސް އޭދަފުއްޓަށް ވަނީ ގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.