އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ އާއި އޭދަފުށި

މެދުކެނޑުމަކަށް ފަހު މިއަހަރު ބާއްވަން ތާވަލްކުރި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށިން ޓީސީ ސްޕޯޓްސް ކްލަބާ ވާދަކުރަން ޖެހިއްޖެ އެވެ.

ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުން ވަކިވެފަ އެވެ.

2017 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މި ސީޒަނުގައި ވާދަނުކުރާތީ މިއަދު ގުރު ނެގުމުގެ ކުރިން އެ އަހަރުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބާއި ތިން ވަނަ ހޯދި މާޒިޔާ ވަނީ ސީޑުކޮށްފަ އެވެ. މި ދެޓީމު ސީޑް ކުރީ ސެމީ ފައިނަލުގައި ވާދަކުރަން ނުޖެހޭ ގޮތަށެވެ.

މިއަހަރުގެ އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ދެ ވަނަ މެޗުގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ތިން ވަނަ މެޗުގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު ފަހު މެޗުގައި ވިލިމާލެ ޔުނައިޓާ ކްލަބް އީގަލްސް ވާދަކުރާނެ އެވެ.

އެފްއޭ ކަޕްގައި އަށް ޓީމުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ 16 މާޗް ވާ ހޯމަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 19 ވަނަ ވާ ބުރާސްފަތި ދުވަހު އެވެ.

މުބާރާތުގައި ގަވައިދު އެކުލަވާލާފައިވާ ގޮތުން ކުއާޓާ ފައިނަލުން ފެށިގެން ކުޅޭ މެޗުތައް އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތުގެ ގޮތުގައި ދެ ހާފު ކުޅޭނެ އެވެ. އޭގެ ފަހުން ނަތީޖާ ނެރެން ޖެހިއްޖެ ނަމަ ޕެނަލްޓީ ޖަހާނެ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދާފައިވަނީ ލީގު ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާއިން އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އަށެވެ.

އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި ޓީސީ ބަލިކޮށް ހޯދީ ނިއު ރޭޑިއަންޓެވެ. އެޓީމުން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ތަށި އުފުލާލީ ޓީސީން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 6-4 އިން މޮޅުވެގެންނެވެ. އެކަމަކު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނުގައި ވާދައެއްނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.