ޑައުން ޓައުން ޔޫތު ފުޓްސަލް މުބާރާތް ފަށައިފި

ލަވާސް ޕޮއިންޓާއި ހުސް ސޮނގުން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން
ލަވާސް ޕޮއިންޓާއި ހުސް ސޮނގުން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި ޑައުން ޓައުން އިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވީ ލަވާސް ޕޮއިންޓެވެ. ލަވާސް ޕޮއިންޓު މި މެޗުން މޮޅުވީ ހުސް ސޮނގުންގެ މައްޗަށް 1-0 އިން ކުރިހޯދައިގެންނެވެ. މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ފެނިގެން ދިޔައީ ދެވަނަ ހާފުގައި އަލީ ނާއިލް ނިމާލުގެ ފަރާތުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަވާސް ޕޮއިންޓުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރި ހުސް ސޮނގުންގެ ގޯލްކީޕަރު މުހައްމަދު އަނޫފެވެ.

ވެލާ ސިޓީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މުބާރާތުގެ ދެވަނަ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ނިމުނީ 4-4 އިން އެއްވަރު ވެގެންނެވެ. މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ވެލާ ސިޓީގެ އުނައިސް ޒުބައިރު ވަނީ ގޯލް ޖަހާ އެޓީމަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑް ވީ ގެ ތޮލްހަތު މުހައްމަދު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން
ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން

ޔުނައިޓެޑް ވީ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ދެވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ހުސައިން ޒަހުވާނެވެ. އޭގަ ދެ މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން ވެލާ ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ނަސީމެވެ. މި ގޯލަށްފަހު ތޮލްހަތު މުހައްމަދާއި އައިމާން ހަބީބުގެ ދެ ގޯލުން ޔުނައިޓެޑް ވީ އިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. އެހެން ވެލާ ސިޓީގެ އަލީ ނަސީމު ވަނީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ގޯލު ޖަހާ ފަރަގު ކުޑަ ކޮށްފަ އެވެ. ވެލާ ސިޓީ އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނިޓުގައި މުހައްމަދު ޔަމާނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ވީ އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ތޮލްހަތު މުހައްމަދެވެ.

މިއަދުގެ މެޗުތަކަށްފަހު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު ވަނީ ލަވާސް ޕޮއިންޓެވެ. ދެވަނަ އަދި ތިންވަނައިގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ އެވެ. އެންމެ ޕޮއިންޓެއްވެސް ނުލިބި ތާވަލުގެ ފުލުގައި އޮތީ ހުސް ސޮނގުންނެވެ.

ޖުމްލަ ހަތަރު ޓީމު ބައިވެރިވި މި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދައިގެން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ އޮޓަމެޓިކު ޖާގައެއް ލިބޭނެ އެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ އަށް ދާޓީމު ވާދަކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތަކީ ކުޑަ ކުދިންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޫރުމާއި، ރަނގަޅު މޮޅުކުޅުން ތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ޑައުން ޓައުންއިން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް