“ހަވީރު”ގެ ސީއީއޯ އަކަށް ރިފްއަތު ހަމަޖައްސައިފި

ރިފްއަތު: "ހަވީރު" މީޑިއާ ގްރޫޕުގެ ސީއީއޯގެ މަގާމާ އޭނާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތިންވަނަ ހަފުތާ އިން ފެށިގެން.-- ހަވީރު ފައިލް ފޮޓޯ
ރިފްއަތު: “ހަވީރު” މީޑިއާ ގްރޫޕުގެ ސީއީއޯގެ މަގާމާ އޭނާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތިންވަނަ ހަފުތާ އިން ފެށިގެން.– ހަވީރު ފައިލް ފޮޓޯ

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާކެޓިން ޑިރެކްޓަރަކަށް ހުންނެވި ބ. އޭދަފުއްޓަށް އުފަން ރިފްއަތު މުހައްމަދު، “ހަވީރު” މީޑިއާ ގްރޫޕުގެ ސީއީއޯ އަކަށް ހަމަޖައްސައިފި އެވެ.

“ހަވީރު”ން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރިފްއަތު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ، އަންނަ މަހުގެ ތިންވަނަ ހަފުތާ އިން ފެށިގެންނެވެ.

މިކަމާ ގުޅޭ ގޮތުން، “ހަވީރު”ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވި ގޮތުގައި، “ހަވީރު” ޒަމާނީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި، ރިފްއަތު ފަދަ ތަޖުރިބާކާރު، ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅަކު “ހަވީރާ” ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެެކެވެ.

“މުވާސަލާތީ ހިދުމަތްތަކާއި މީޑިއާ އަދި މާކެޓިންގެ ދާއިރާގައި އޭނާ ހޯއްދަވާފައިވާ ތަޖުރިބާތަކުގެ އަލީގައި، ހަވީރު މީޑިއާ ގްރޫޕް މުޅިން އާ ހަރުފަތަކަށް ގެންގޮސްދެއްވާާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،” ޗެއާމަން ވިދާޅުވި ކަމަށް، ބަޔާނުގައިވެ އެވެ.

ރިފްއަތު މިހާރު ވަނީ ބީއެމްއެލް އިން ވަކިވެވަޑައިގެންފަ އެވެ. އެކަން އިއުލާންކޮށް މިއަދު ނެރުނު ބަޔާނެއްގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވަނީ ފާއިތުވެދިޔަ ތިން އަހަރު ރިފްއަތު އެ ބޭންކަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

“ބޭންކުގެ މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ރިފްއަތު ހިދުމަތްކުރައްވާފައި ވަނީ، މި ބޭންކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައި ދަނޑިވަޅެއްގައި،” ހީލީ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގައި 18 އަހަރު ހޭދަ ކުރެއްވުމަށް ފަހު ދިވެހި ބޭންކުގެ ހެޑް އޮފް މާކެޓިންގެ މަގާމާ ރިފްއަތު ހަވާލުވެވަައިގެންނެވީ އޮގަސްޓް 1، 2011 ގަ އެވެ.

ދިރާގުގައި މަސައްކަތް ކުރެއްވި މުއްދަތުގެ ތެރޭގައި، އެ ކުންފުނީގައި 100 މިލިއަން ޑޮލަރުގެ އެކި ޕްރޮޖެކްޓްތައް ކާމިޔާބުކަމާ އެކު ހިންގެވުމުގައި ރިފްއަތު އިސް ދައުރެއް އަދާކުރެއްވި އެވެ.

“ހަވީރަ”ށް ކުރިން ލިޔުއްވި ރިފްއަތު ވަނީ ދިރާގުގެ މުހިންމު ހިދުމަތްތައް ދިނުމުގައި އިސް ދައުރެއް ވެސް އަދާކުރައްވާފަ އެވެ. އެ ގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ ޕޭ ފޯންގެ ހިދުމަތް ދިރާގުން ދޭން ފެށިއިރު އެ ހިދުމަތް ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް އޭނާ އެވެ. އަދި އިންޓަނެޓާއި މޮބައިލް ފޯނުގެ ހިދުމަތް ދިރާގުން ދޭން ފެށި ދުވަސްވަރު، އެ ހިދުމަތްތައް ތަރައްގީ ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ރިފްއަތެވެ.

އޭގެ ފަހުން، ބީއެމްއެލްގައި ވެސް ރިފްއަތު ވަނީ އާ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫހާއި އެންމެ ގިނަ ދުވަސްވީ އަދި އެންމެ މަގުބޫލް އޮންލައިން ނޫސް ހިންގަނީ “ހަވީރު” މީޑިއާ ގްރޫޕްގެ ދަށުންނެވެ. މީގެ އިތުރުން، ރޭޑިއޯ ޗެނަލް، އެޗްއެފްއެމް އާއި ޓީވީ ޗެނަލް، ޗެނަލް 9 އަދި ޗާޕުހާނާ، ލޯމާފާނު ޕްރިންޓަކީ ވެސް އެ ކުންފުނީގެ ވިޔަފާރިތަކެވެ. / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.