އަފްރާޝީމް އަވަހާރަކޮށްލުމުގައި ރިޔާޒު ބައިވެރިވިކަމަށް ސަލީމް ތުހުމަތު ކުރައްވައިފި

އަބްދުﷲ ރިޔާޒް އަދި އަހުމަދު ސަލީމް--ފައިލް ފޮޓޯ
އަބްދުﷲ ރިޔާޒް އަދި އަހުމަދު ސަލީމް–ފައިލް ފޮޓޯ

 

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަފްސީލް ހާމަކޮށްދެއްވާނެ ކަމަށް ރިޔާޒު ވިދާޅުވި ނަމަވެސް މިހާތަނަށް އެކަންކަން ހާމަކުރެވިފައިނުވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަތައް ހިނގިއިރު އެ ހުރިހާ ކަމެއް ކޮންމެ ގޮތަކަށް ކޮށްފައިވީ ނަމަވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ކަމަށެވެ.

“އޭނާ ކަމަށްވަނީ ރައީސް ނަޝީދުގެ ބޮލުގައި ބަޑި ޖައްސައިގެން ހުރީ،” ރިޔާޒަށް ތުހުމަތު ކުރައްވާ ސަލީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު މުލިއާގެއިން ބަނގުރާ ފުޅިތަކެއް ފެނިފައިވާއިރު ސަލީމް ވިދާޅުވީ އެ މައްސަލަ ބަލާފައިނުވާ ކަމަށާއި އެ ފުޅިތަކަކީ ރިޔާޒު މުލިއާގެއަށް ވެއްދި އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

“އޭނާއަކީ ޑެޕިއުޓީ ކޮމިޝަނަށް އޮފް ޕޮލިސް ރައީސް މައުމޫނުގެ ދައުރުގައި. ރައީސް ވަހީދުގެ ވެރިކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް. ކުރިއްޔާ ކުރި ނުބައިކަމެއް ހިންގިންޔާ ހިންގީ އެދުވަސްވަރު،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ އެ މައްސަލަތައް ބަލައި ރިޔާޒުގެ މައްޗަށް ފިޔަވަޅު އެޅުމަށް މި ސަރުކާރަށް ގޮވާލައްވާފަ އެވެ.

“އަޅުގަނޑުމެންގެ ތަނުގައި މިހާތަނަށް އުފެދުނު އެންމެ ނުބައި މީހާއޭ ދަންނަވަންވެސް ރަނގަޅު،” ސަލީމު އިތުރަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ކުރީގެ ސީޕީ ރިޔާޒް ވިދާޅުވީ ސަލީމްގެ ވާހަކަތަކަކީ ސިޔާސީ ގޮތުން ވިދާޅުވާ އެއްޗެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ކަންކަން ކޯނީގެ ރިޕޯޓުން އެނގޭނެ ކަމަށާއި ސަލީމް ކުރެއްވި ޖިނާއީ ތުހުމަތުތަކަކީ ފުލުހުންގެ ތަހުގީގުކޮށްފައިވާ ކަންކަން ކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ސަލީމަށް ރައްދު ދެއްވަން ބޭނުންނުވާ ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށްފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ރިޔާޒް ހުންނެވިއިރު އެވެ. / ސީއެންއެމް

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.