
ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ބޭއްވި “ސޮނެވާ އައިޑޮލް” ޝޯގައި، އެންމެ މޮޅު ލަވަ ކިޔުންތެރިއަކަށް އިބްރާހިމް އާލިފް މުހައްމަދު ހޮވައިފި އެވެ.
ސޮނެވާ އައިޑޮލްގެ ގްރޭންޑް ފިނާލޭގައި މިމަހު އެ ރިސޯޓްގެ ވަޒީފާ އާ ގުޅުނު އާލިފް އެ މަގާމު ކާމިޔާބުކޮށްފައި ވަނީ އަބްދުﷲ މާލިކު އާއި ހަސަން މައުޝޫގު އަދި ރޮހޮނާ ރެއުޕިޓާ އާ ވާދަކޮށްގެންނެވެ.
ސޮނެވާފުށީ ރިސޯޓް މުވައްޒަފުންގެ ރެކްރިއޭޝަން ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ޝޯގައި އެއް ވަނަ އަށް ޖަޖުން އާލިފު ހޮވާފައިވާއިރު ދެ ވަނަ އަށް ހޮވާފައި އަބްދުﷲ މާލިކު އަދި ތިންވަނަ އަށް ހޮވުނީ ހަސަން މައުޝޫގެވެ.

ރޭ ބޭއްވި ގްރޭންޑް ފިނާލޭގައި ޖަޖުކޮށްދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާ އެވެ.
“ފައިނަލް ޝޯ އަށްް މާބޮޑު މަސައްކަތެއް ނުކުރެވޭ. ދެރޭ ލިބުނީ ޕްރެކްޓިސް ކުރަންވެސް، އެކަމަކު އެއްވެސް ޔަގީންކަމެއް ނެތް މި މަގާމް ލިބޭނެ ކަމަށް. ވަރަށް އުފާވި އެއްވަނަ ލިބުނީތީ،” އީޓީ އާ ވާހަކަ ދައްކަމުން އެ ރިސޯޓުގެ އެފްއެންބީ ގައި މަސައްކަތް ކުރާ އާލިފު ބުންޏެވެ.
އޭނާ ބުނީ އެ ރިސޯޓްގައި ލަވަކިޔަން ވަރަށް ހުނަރުވެރި ކުދިން ތިބި ކަމަށާއި އެންމެ ޖެހުލުން ވީ ފައިނަލްގައި ތިންވަނައަށް ދިޔަ މައުޝޫގު އާއި ވާދަކުރަން ޖެހުމުން ކަމަށެވެ. އޭނާ ގަބޫލު ކުރާގޮތުގައި މިފަދަ ހަރަކާތްތައް ބޭއްވުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.
ސޮނެވާ އައިޑޮލްގެ އެއް ވަނަ މަގާމް ހާސިލްކުރުމުން އޭނާ އަށް ވަނީ އެ ރިސޯޓުން 500 ޑޮލަރުގެ އިތުރުން ކޮލަމްބޯ ރިޓާން ޓިކެޓް ދީފައެވެ. ދެވަނަ އަށް ދިޔަ ފަރާތަށް ފޯން ޓެބް/ޓެބްލެޓް އެއް ދިން އިރު ތިންވަނައަށް ދިޔަ ފަރާތަށްވަނީ ބްލޫޓޫތު ސްޕީކަރު ސިސްޓްމެއް ދީފަ އެވެ.
“ސޮނެވާ އައިޑޮލް” ގެ ފުރަތަމަ ޝޯ ނިމިގެންދިޔައީ ކާމިޔާބުކަމާ އެކުކަން ފާހަގަ ކުރަމުން އެ ރިސޯޓުން ބުނީ އަންނަ އަހަރު ވެސް މިފަދަ އެހެން އައިޑޮލް އެއް ބާއްވާނެ ކަމަށެވެ.
ކޮންގްރާ އާލިފް