ކިތުނާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް

މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް ބ. ގޮއިދޫ އަށް އުފަން އާދަމް ނިޒާމް (ކިތުނާ) ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ސުޕަރ ޔުނައިޓެޑަށް ކިތުނާ ކުޅުނީ ބ. ސޮނޭވާފުށީގައި ވަޒީފާ އަދާކުރަމުންނެވެ. ކިތުނާ ވަނީ ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ހަތް ގޯލާއެކު ލަނޑު ލިސްޓުގެ އެއް ވަނަ ވެސް ހޯދައިފަ އެވެ. ރިސޯޓުގައި ވަޒީފާ އަދާކުރަމުން ކިތުނާ ދެ ވަނަ ޑިވިޝަނުގެ މެޗުތައް ކުޅުނީ ސުޕަ ޔުނައިޓެޑް މެޗުތައް ކުޅުނު ދުވަހު މާލެ އައިސްގެންނެވެ.

އެނގިފައިވާ ގޮތުގައި ކިތުނާގެ ރިލީޒް ހޯދުމަށް އެފްއޭއެމުން މިހާރު ވަނީ ސޮނޭވާފުށި ރިސޯޓުގައި ރަސްމީކޮށް އެދިފަ އެވެ. ރިސޯޓުން ކިތުނާ ވީއްލަދިންހާ އަވަހަކަށް އޭނާ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށް ބެލެވެ އެވެ. މީގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގައި ވެސް ކިތުނާ ހިމެނުމުން ރިސޯޓުން އޭނާ އަށް ވަނީ ރިލީޒްދީފަ އެވެ.

ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅައިގައި ކިތުނާގެ ވިދުން ގަދަވީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތްތަކުންނެވެ. ވޮލީ ގައުމީ ޓީމުން މީގެ ކުރިން ކިތުނާ އަށް ޖާގަ ލިބުނީ ސޮނޭވާފުށި ރިސޯޓުގެ ވޮލީ ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ. ވޮލީ އާއި ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ކީޕަރެއްގެ ގޮތުގަޔާއި މޫދު ކުޅިވަރުގައި ވެސް ކިތުނާ އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ.

ޕްރިލިމިނަރީ ސްކޮޑް އެކުލަވާލައި ގައުމީ ޓީމު މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށެވެ. ޗައިނާއާ ދެކޮޅަށް ތައިލެންޑުގައި ރާއްޖޭގެ ޓީމު އަންނަ މަހުގެ 26 ވަނަ ދުވަހު ނުކުންނައިރު އޭގެ ހަތަރު ދުވަސް ފަހުން ގަލޮޅު ދަނޑުގައި ސީރިއާ ވާދަކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.