
ފުރާވަރުގެ ކުދިންނާ ޒުވާނުން ސިފަވަންތަ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް ކުށުގެ ވެށިން ދުރުކުރުމަށް ބާރުއަޅައިދޭ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުލުހުން، “އަމާން ވެށި” ނަމުގައި ކޭމްޕެއް ފަށައިފި އެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އޮފް އިންސްޕެކްޓަރ ޢަބްދުﷲ ނަސީރުގެ އިސްނެންގެވުމުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށް ގެންދާ މިކޭމްޕުގައި ގްރޭޑް 8 ން މަތީގެ 73 ދަރިވަރުން ބައިވެރި ވެފައި ވެއެވެ.
އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ރަނގަޅު އަޚްލާގާއި ހަރުދަނާ އުސޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ހަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް އުގަންނައި ދެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ ދަރިވަރުންނަށްދީ، އެފަދަ ކަންކަން ދަސްކޮށްދެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ކަންކަމުގައި އިސްނަގައި، ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭފަދަ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ، ދީނީ އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް މިކޭމްޕުގައި ދަރިވަރުންނަށް ދަސްކޮށްދެވޭނެ އެވެ.
މިފަދަ ކޭމްޕެއް މިދިޔައަހަރު ވެސް ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުލުހުން ބާއްވައިފަ އެވެ .އަދި ނޯތު ޕޮލިސް ޑިވިޝަނުން ނ، ރ، ބ އަދި ޅ އަތޮޅުގެހުރިހާ ރަށެއްގެ ސްކޫލުތަކެއްގައިވެސް މި ޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައި ވެއެވެ.