ކިތުނާ މާޒިޔާއާ ގުޅިއްޖެ

ކިތުނާއަށް މޮޅު ކުޅުންތެރިޔާގެ ޝީލްޑް ހަވާލުކުރަނީ– ފޮޓޯ/ސެކަންޑް ޑިވިޝަން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބ. ގޮއިދޫއަށް އުފަން އާދަމް ނިޒާމް (ކިތުނާ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.

މާޒިޔާ ޓީމުގެ އޮފިޝަލަކު ބުނި ގޮތުގައި ކިތުނާ އާއެކު މާޒިޔާއިން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން ކިތުނަ އެ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި ކިތުނާ އޭއެފްސީ ކަޕުގައި މާޒިޔާ ޓީމަށް ކުޅޭނެ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.

ކިތުނަ ވަނީ އޭނާ މަސައްކަތްކުރާ ރިސޯޓުން ރިލީޒް ލިބުމާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފައެވެ. މިއީ ކިތުނަ ގައުމީ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ކުރިން ކިތުނަ ވަނީ 19 އަހަރުން ދަށުގެ ގައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ.

މިދިޔަ އަހަރު ގައުމީ ވޮލީ ސްކޮޑުގައި ވެސް ހިމެނުނު ކިތުނާ ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ދިޔަ ސުޕަ ސްޕޯޓްސް އަށް ހަތް ލަނޑު ޖަހައިދީ ލަނޑު ލިސްޓުގެ ކުރީގައި ވެސް ހިމެނިފަ އެވެ. ބ. ގޮއިދޫ އަށް އުފަން މިހާރު އުމުރުން 32 އަހަރުގެ ކިތުނާ ގައުމީ ސްކޮޑުގައި މި ހިމެނީ މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެފައިވާތީ އޭނާގެ ބަދަލުގަ އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިތުނާ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ބ. ފެހެންދޫ ޓީމަށް ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އަދި އޭނާ އަކީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށި ޓީމުގެ ވެސް ކުޅުންތެރިޔެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.