ގަރޫޑާ އިންޑޮނޭޝިޔާ ޑޮމެސްޓިކް ފްލައިޓެއްގެ ފުރޮޅު ގޮޅި ނުވަތަ “ވީލް ވެލް”ގައި އިނދެ 21 އަހަރުގެ ފިރިހެނަކު ސުމަޓްރާއިން ވެރިރަށް ޖަކާޓާއަށް ދަތުރުކޮށްފި އެވެ.
ފަޒާގެ ވައި މަދު އަދި ހޫނުމިން 0 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށް ޓެމްޕަރޭޗަރުގައި ގަދަ ފިނީގައި މާރިއޯ ސްޓީވަން އަމްބަރީޓާ ސަލާމަތުން ދަތުރު ކުރުމަކީ ހައިރާންވާވަރުގެ ކަމެއް ކަމަށް ގަރުޑާ އެއާލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާރިފް ވިބޯވޯ ވިދާޅުވި ކަމަށް ރޮއިޓާސް ނޫސް އެޖެންސީ ގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
މާރިއޯ ހައްޔަރު ކުރެވުނީ ދަތުރަށް ފަހު އެއާޕޯޓްގެ އެޕްރަން މަތިން ވެއްޓެމުން ކަހަލަ ގޮތަކަށް ހިނގާފައި ދަނިކޮށެވެ. އެއަށްފަހު އޭނާ ހޭނެތި، ކަންފަތުން ލޭ އައިސް، ބައެއް ކަހަލަ ކުދި ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް، އެއް ރޭ ޖަލުގައި ހޭދަ ކުރިއެވެ.
އެއާޕޯޓްގެ ފެންސެއް މަތިން ފުއްމާލައިގެން މަތިންދާބޯޓުގެ ފުރޮޅު ގޮޅިއަށް އެރި މާރިއޯ ބުނީ އޭނާ މި ހަފުތާގައި މި “ހިލޭ” ދަތުރު ކުރީ އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއާ ބައްދަލު ކުރުމަށް ބޭނުންވާތީ ކަމަށެވެ.
މީގެ ކުރިން ވެސް މި ފަދަ ކަމެއް ކުރަން އޭނާ މަސައްކަތް ކުރި ކަމަށާއި 1 އަހަރު ވަންދެން މަތިންދާބޯޓު ނައްޓާލައި އަދި ޖައްސާ ގޮތް ބަލައި ދަސްކުރި ކަމަށާއި ފުރޮޅު ގޮޅީގައި ފިލައި އިންނަން ދަސް ކުރީ އިންޓަނެޓުން ކަމަށް އިންޑޮނޭޝިޔާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.