އެފްއޭ ކަޕްގައި ބައިވެރިވަނީ މުޅިން ރަށު ކުޅުންތެރިންގެ ޓީމެއް

އޭދަފުށީ ފުޓްބޯޅަ ޓީމް

ރަށަށް ނިސްބަތްވާ ކުޅުންތެރިންނާއެކު އެކުލަވާލި ޒުވާން ސްކޮޑާއެކު މިއަހަރުގެ އެފްއޭ ކަޕްގައި ވާދަކުރާ ކްލަބް އޭދަފުށި ފުޓްބޯޅަ ޓީމު މިއަދު މާލެ ގޮސްފި އެވެ.

މިއަދު ހެނދުނު ކްލަބް އޭދަފުށި ޓީމު މާލެ ދިޔައިރު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އޭދަފުށިން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން އޮންނާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.

މިއަހަރުގެ އެފްއޭ ކަޕްގައި ކްލަބް އޭދަފުށިން ވާދަކުރާއިރު ޓީމަށް އިރުޝާދުދޭނީ ރާއްޖޭގެ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކްލަބް އޭދަފުށީ ޓީމާ މިއަހަރު ސާންތީ ހަވާލުވިފަހުން އެޓީމުން އަންނަނީ ބަރާބަރަށް ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ. ކްލަބް އޭދަފުށިން ސާންތީ ކޯޗުކަމަށް ހަމަޖެއްސީ ޒުވާން ކުޅުންތެރިންނަށް ދޭ ތަމްރީނުތައް އިތުރުކޮށް މިއަހަރު ކްލަބުން ވާދަކުރާ މުބާރާތްތަކުގައި އިރުޝާދުދިނުމަށެވެ. އަދި، ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް ސާންތީއާއެކު މަސައްކަތް ކުރުމަކީވެސް އެ ކްލަބުގެ އަމާޒެކެވެ.

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ކްލަބް އޭދަފުށިން މިއަހަރު އެންމެ ދުރާލާ ތައްޔާރުވާ މުބާރާތަކީ ދާދި އަވަހަށް ފަށަން ހަމަޖައްސާފައިވާ ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ކުރިން އެފްއޭ ކަޕްގައި ކްލަބް އޭދަފުށިން ވާދަކުރަނީ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ. އެފްއޭ ކަޕަށް ކްލަބް އޭދަފުށިން އެކުލަވާލި ޓީމުގައި މިދިޔަ އަހަރު ބ. ފުޓްބޯލް ޗެލެންޖް ކާމިޔާބުކުރި އޭދަފުށީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ބޮޑަށް ޒުވާން ކުޅުންތެރިން ހިމަނައިގެން އެކުލަވާލި މި ޓީމުން ރަށުގެ މުހިއްމު ބައެއް ތަރިން ނުފެނެ އެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ޓީސީ ޓީމުގައި ވެސް އޭދަފުށީގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ޓީސީ ގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައިސް މިހާރު ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނިފައިވާ އިޝާން އިބްރާހީމް (ސައްޓު) އާއި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މުހައްމަދު އަޖުފާން އެވެ. މި ތިން ކުޅުންތެރިންނަކީ 2018 ވަނަ އަހަރު ދިރާގު ދިވެހި ލީގު ކާމިޔާބުކުރި ޓީސީ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިންނެވެ.

ކްލަބް އޭދަފުއްޓާ ޓީސީ މާދަމާ ހަވީރު ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހުކުރު ދުވަހު ހަވީރު ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާއިރު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އެރޭ ކުޅޭނީ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެވެ. އޭދަފުއްޓާ ޓީސީ ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.