އޭދަފުށި ކޮޅަށް 13 ލަނޑު ޖަހައި ޓީސީ ސެމީއަށް

އެފްއޭކަޕުގައި މިއަދު ޓީސީއާއި އޭދަފުށު ބައްދަލު ކުރި މެޗުގެ ތެރެއިން: މެޗު 13-0 އިން ކާމިޔާބު ކުރީ ޓީސީއިން — ފޮޓޯ: އެފްއޭއެމް

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ކްލަބު އޭދަފުށި ބޮޑު ތަފާތަކުން ބަލިކޮށް، ސެމީ ފައިނަލަށް ޓީސީ ސްޕޯޓްސް ކްލަބު ދަތުރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ މޮޅުވީ 13-0 އިންނެވެ.

މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޓީސީގެ އޭދަފުއްޓަށް އުފަން އިޝާން އިބްރާހީމް (ސައްޓު) ވަނީ ހެޓްރިކް ހަދާފައެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން 10 ވަނަ ސިކުންތުގައެވެ.

ދެން މި މެޗުގައި ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ހަތަރު ލަނޑު ޖެހިއިރު، އެޓީމުގެ ބިދޭސީ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓްވެސް ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން މި މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އިސްމާއިލް އީސަ (މެސީ) އާއި އަހުމަދު ފައްރާހެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗާ ކުރިމަތިލީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅެއް ހޯދުމަށް ނޫން ކަމަށާއި، ނަމަވެސް މެޗުން ލިބުނު މޮޅާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗުގެ ސަބަބުން ކުރިއަށް އޮތް އޭއެފްސީ ކަޕް މެޗަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް ބުންނެވެ.

އޭދަފުށީގެ އެސިސްޓަންޓް ކޯޗު އަބްދުލް މަޖީދު ހަސަން ބުނީ މި މުބާރާތުގައި މުޅިން އަލަށް އޭދަފުށި ވާދަކުރިއިރު، މި މެޗުގައި އެޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މި މެޗުގައި އެހާ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ވަނުމުން ކަމަށާއި، އަދި ގައުމީ ފުޓްބޯޅަ ދަނޑަށް ކުޅުންތެރިން އާވުމުގެ ސަބަބުން އެކަމުގެ އަސަރުވެސް ކުރި ކަމަށެވެ.

“ފަހު ހާފުގައި ރަނގަޅަށް މަސައްކަތްކުރި. އެކަމަކު އެކަކު މަދުވުމުން ތަފާތު ބޮޑުވީ،” މަޖީދު ބުންޏެވެ.

މިފަހަރުގެ އެފްއޭ ކަޕްގައި މުޅިން އަލަށް ކްލަބު އޭދަފުށި ވާދަކުރިއިރު، މުބާރާތާ ކުރިމަތިލި އޭދަފުށި ޓީމުގެ ސްކޮޑުގައި ހިމަނާފައިވަނީ މުޅިންވެސް އޭދަފުށީގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ގިނައީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.