ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތްތަކާ ބެހޭ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިވެރިކޮށްގެން އޭދަފުށީގައި އެމަޖެންސީ ޑްރިލްއެއް ބާއްވައިފި އެވެ.
އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޑްރިލްގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީ ސިނާރިއޯ ތައްޔާރުކޮށް ޢަމަލީ ގޮތުން ޢަމަލުކުރަންވީ ގޮތްތައް ފަރިތަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނާއި އަތޮޅު ހޮސްޕިޓަލާއި ރެޑް ކްރެސެންޓް އަދި އޭދަފުށި ކައުންސިލް ގުޅިގެން ހިންގި މި ޑްރިލްގައި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވި އެވެ. މީގެ އިތުރުން ސްކޫލު ކުދިންވެސް މި ޑްރިލުގައި ބައިވެރިކޮށްފައިވެ އެވެ.