
އޭދަފުށީގެ ކުނި ގޮނޑުގައި ރޭ އަލިފާން ރޯވީ ބަޔަކު ގަސްތުގައި ރޯކޮށްލުމުން ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީރު ވިދާޅުވީ ހިއްކި ބިމުގެ ހުޅަނގު ދެކުނު ކަންމަތީގައި އާއްމުން ދިރިއުޅޭ ސަރަހައްދާ ގާތްގަޑަކަށް 500 ވަރަކަށް ފޫޓް ދުރުގައި ހަދާފައިވާ ކުނި ގޮނޑުގައި ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށާއި އޭގެ ހެކި އެ ސަރަހައްދުން ފެންނަން ހުރި ކަމަށެވެ.
“ގޮނޑުގައި ރޭ ބަޔަކު ހަމަ ގަސްތުގައި ރޯކޮށްލީ. ކަޅުތެޔޮ އަޅައިގެން ހުރީ ރޯކޮށްލާފައި،” އަލީ ވަހީދު ވިދާޅުވި އެވެ.
ރޭ 11:15 ހާއިރު އޭދަފުށީ ކުނިގޮނޑުގައި ރޯވެ، ވަރުގަދައަށް އެދި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވިފައި ވަނީ ރޭ ދަންވަރު 3:30 ހާއިރު އެވެ.

އޭރުން ފެށިގެން އެ ތަނުން ބޯކޮށް ދުން އަރަމުން ދިޔަ އެވެ. އަދި ގިނަ އިރުތަކެއް ވަންދެން ދުމުގެ އަސަރާއި ވަސް މުޅި ރަށުތެރެއަށް ފެތުރިފައި ހުއްޓެވެ. އަލިފާން ގަނޑު ނިއްވާލީ ފުލުހުންނާއި ސޮނެވާފުށި ރިސޯޓް އަދި ކައުންސިލުގެ އިތުރުން ރައްޔިތުންގެ އެހީތެރިކަމާ އެކުގަ އެވެ.
ކުނި ގޮނޑުގައި ގިނަ އިރުތަކެއް ވަންދެން ރޭ ވަރުގަދައަށް އަލިފާން ރޯވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށްވެސް ދުމުގެ އަސަރާއި އޭގެ ވަހުން އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެ ސަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި އެމީހުންވެސް ގަބޫލުކުރަނީ ކުނިގޮނޑުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށެވެ.
އޭދަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ މަހުވެސް 30 ގައިވެސް އޭދަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި މިރަށު އުތުރު ފަރާތު ބަނދަރުމަތީގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ޕެޓްރޯލް ފީފާ އާއި ގޭސްފުޅި އާއި ފެންފުޅިތަކެއްގައި ރޯވެ ވަނީ އަނދާ ހުލިވެފަ އެވެ.