
ފުވައްމުލަކުގައި ތިބެގެން މަންދު ކޮލެޖުގެ ކޯސްތަކުގައި ކިޔަވާ ކުދިންނަށް ސްކޮލަޝިޕްގެ 100 ފުރުސަތު ހުޅުވާލައިފި އެވެ.
މަންދު ކޮލެޖުން ބުނީ ފުވައްމަލުކުގައި ތިބެގެން މަންދު ކޮލެޖުގެ ކޯސްތަކުގައި ކިޔަވަމުންދާ ކުދިންނަށް ހާއްސަކޮށްގެން އެ ކޮލެޖުން ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމު ފުވައްމުލަކު ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.
މި ސްކޮލަޝިޕުގައި ބައިވެރިވުމަށް އެދި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މި ހިނގާ މެއި މަހުގެ 27 ވަނަ ދުވަހެވެ.
ފުވައްމުލަކުގައި ތިބެގެން ކިޔަވަމުންދާ މަންދުކޮލެޖުގެ ދަރިވަރުންނަށް މި ހުޅުވާލި ސްކޮލަޝިޕްގެ 100 ފުރުސަތާއި އެކު 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު މުޅި ޖުމުލަ 800 ސްކޮލަޝިޕް މަންދު ކޮލެޖުން އެކި ދަރުވަރުންނަށް ދެވޭނެ އެވެ.
މަންދު ކޮލެޖުން ބުނިގޮތުގައި އެ ކޮލެޖަކީ ބޭރުގެ ޔުނިވަސިޓީތަކުން ކޯސްތައް ގަނެގެން އެ ޔުނިވަސިޓީތަކުގެ ސެޓްފިކެޓަށް އެކަނި އަމާޒުކޮށްގެން ކޯސް ހިންގުމުގެ ބަދަލުގައި ރާއްޖޭގެ މާހައުލަށް ބައްޓަންވާ ގޮތަށް އަމިއްލަ ޑިޕްލޮމާ އަދި ޑިގްރީ ކޯސްތައް ހިންގާ ހަމައެކަނި ކޮލެޖެވެ. އަދި އެ ކޮލެޖުގައި މިހާރު ވެސް އެޑިއުކޭޝަނާއި ގާނޫނީ ދާއިރާ އާއި ވިޔަފާރީގެ އިތުރުން އައިޓީ އާއި އެހެނިހެން ދާއިރާތަކުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ޑިގްރީ ކޯސްތައް ހިންގަމުން އަންނަ ކަމަށް މަންދު ކޮލެޖުން ބުންޏެވެ.