
ޖުލައި 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން “ދަރިވަރުންގެ ބައިވެރިވުން”ގެ ނަމުގައި ހާއްސަ ހިނގާލުމެއް ބާއްވައިފި އެވެ.
މިނިވަން 50 އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އަމާޒުކޮށްގެން ހުރިހާ ރަށެއްގައި މިއަދު ވަނީ މި ހިނގާލުން ބާއްވާފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އިންތިޒާމުކޮށްގެން މިއަދު ހަވީރު 15: 4 ހާއިރު އެ ސްކޫލުން ފެށި މި ހިނގާލުން ކުރިއަށް ގެންދިޔައީ ރޯޝަނީމަގުން ހުޅަގަށް ގޮސް ދެކުނު ފަރާތު ހިއްކި ސަރަހައްދަށެވެ.
ގައުމީ ހެދުމުގައި، ގައުމީ ދިިދަ ހިފައިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ތައުލީމީ މަރުކަޒާއި ބަހިއްޔާ ޕްރީ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުނާއި ބެލެނިވެރިން އަދި ޓީޗަރުންވެސް ބައިވެރިވި އެވެ.

ދެކުނު ފަރާތު ހިއްކި ސަރަހައްދަށް ނިންމާލި މި ހިނގާލުމުގައި ދަރިވަރުން މުނިފޫހި ފިލުމުގެ އައިޓަމްތަކެއް ވެސް ހުށަހަޅައިދިނެވެ. މި ހިނގާލުން ނިންމާލީ ގައުމީ ސަލާމުންނެވެ.

މި ހިނގާލުމަކީ ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ގައުމީ ލޯބި ރޫހު އާލާ ކުރުމާއި ގައުމީ ލޯބި އުފެއްދުމުގެ މަގުސަދުގައި ބޭއްވި ހިނގާލުމެއް ކަމަށެވެ.