
ބ. އޭދަފުށީ މަސްޖިދިލް ޔޫސުފް (ކުޑަ މިސްކިތް) ސީލިން އާކޮށް، އެ މިސްކިތް އަންނަ ރޯދައަށް އެއާކޯން ކުރުމަށް ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލުގެ ރައީސް އަލީ ވަހީދު “އީޓީ” އަށް މިއަދު ވިދާޅުވީ ޔޫސުފް ކަލޭފާނު މިސްކިތުގެ ސީލިން މަރާމާތުކުރުމުގެ މަސައްކަތް މި ހަފްތާތެރޭ ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވިގޮތުގައި ގޮތުގައި ޔޫސުފް ކަލޭފާނު މިސްކިތް ހޫނުގަދަވާ މައްސަލަ އަށް ހައްލެއް ހޯދުމަށް އެތަން އޭސީކުރުމަށް ކްލަބް ދަ ބިގިނާސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
“ޔޫސުފް ކަލޭފާނު މިސްކިތް މި ރޯދައަށް އޭސީ ކޮށްދިނުމަށް އޭދަފުށީ ކްލަބް ދަ ބިގިނާސް އިން ވަނީ ނިންމާފައި. އެކަމަށް ދޭންޖެހޭ ހުރިހާ ހުއްދައެއް ކައުންސިލުން މިހާރުވަނީ ދީފައި،” ވިދާޅުވި އެވެ.

ދަ ބިގިނާސް އިން މީގެ ދެ ތިން އަހަރެއްގެ ކުރިންވެސް އެ މިސްކޮތް އޭސީ ކުރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކަންވަނީ ނުވެ އެވެ.
ދަ ބިގިނާސް އިން ބުނީ މި ހަފްތާތެރޭ އޭސީ ކުރުމަށް ބޭނުންތާ ތަކެތި ލިބޭނެ ކަމަށާއި އަދި އެކަމުގެ އަމަލީ މަސައްކަތްވެސް މި ހަފްތާތެރޭ ފެށޭވަރުވާނެ ކަމަށެވެ. އަދި މި މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ދަ ބިގިނާސް އިން ބުންޏެވެ.
މިއީ އޭދަފުށީގެ ފިރިހެނުންގެ މިސްކިތެއް އޭސީ ކުރާ ފުރަތަމަ ފަހަރު ކަމުގައިވީ ނަމަވެސް މިއަތޮޅުގެ ރަށްރަށުގެ ބައެއް މިސްކިތްތައް މީގެ ކުރިން ވެސް އޭސީ ކޮށްފައިވެ އެވެ. އަދި މިރަށުގެ އަންހެނުންގެ މިސްކިތްތައް މީގެ ކުރިން އޭސީ ކޮށްފައިވެ އެވެ.