މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ހާލުގައި ޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މުދާ އުފުލާ “ނަސްރު” ދޯނި އިންޖީނު ހުއްޓި ހާލުގައި ޖެހި އަޑި އަށް ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ ސަރަހައްދުގައި ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ސިފައިން އަދި ބ. ގޮއިދޫ ދޯންޏެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ދޯނި މިހާރު ގޮއިދުއާ ހަތް މޭލު ބޭރުގައި އޮތް އިރު އެ ދޯނީގައި ދެ ބިދޭސީއަކާއި ދިވެއްސަކު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އެ ދޯނި ދިޔަވުމުގެ ސަބަބުން އިންޖީނު ހުއްޓިފައިވާ އިރު އެ ދޯނީގައި ހުރި ބައެއް މުދާތައް ވަނީ ކަނޑަށް ދޫކޮށްލާފަ އެވެ.
ހާލުގައި ޖެހިފައިވާ ދޯނި ކަފުޖަހައިގެން ގޮއިދުއަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންދާކަމަށް ގޮޮއިދޫ ކައުންސިލުން ބުންޏެވެ.