ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއެކު ސޮނެވާ ފުށިން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަނީ

"ފަތަން ދަސްކުރަމާ" ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރަކު ފީނާލަނީ. ފޮޓޯ: ކެޓްވީފޮޓޯގްރަފީ ޑޮޓް ކޯ ޑޮޓް ޔޫކޭ
“ފަތަން ދަސްކުރަމާ” ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރަކު ފީނާލަނީ. ފޮޓޯ: ކެޓްވީފޮޓޯގްރަފީ ޑޮޓް ކޯ ޑޮޓް ޔޫކޭ

 

މުއްސަނދިންނަށް އަމާޒު ކުރެވިގެން މުޅި ދުނިޔޭގައި ރިސޯޓްތައް ހިންގާ ސޮނެވާއިން އެ ރިސޯޓުން ކޮންމެ އަހަރަކު ދިވެހި ކުދިންނަށް ހިންގާ “ފަތަން ދަސްކުރަމާ”ގެ ދެވަނަ ޕްރޮގްރާމް، ދުނިޔޭގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކަމަށްވާ މި މަހުގެ 8 ވަނަ ދުވަހު (އަންނަ ހޯމަ ދުވަހު) ނިންމާލުމަށް ހަމަޖައްސައިފި އެވެ.

މިއީ ކަނޑުތަކާމެދު އުފާ ފާޅުކޮށް ކަނޑުތައް ހިމާޔަތް ކުރުމަށް އަމަލީ މަސައްކަތް ކުރުމަށް، ދުނިޔޭގެ ސުލްހަ ބަލަހައްޓާ ޖަމިއްޔާ އދ. އިން ކަނޑައަޅާފައިވާ ދުވަހެވެ.

ކަނޑުގެ ލޮނުގަނޑުގެ އެންމެ އެއް މީޓަރަށް ވުރެ ތިރީގައި އޮތް ޖަޒީރާ ގައުމެއްގައި ދިރިއުޅުނު ނަމަވެސް، ގިނަ ދިވެހިން ބޮޑުވަނީ ފަތަން ދަސް ނުކޮށް ކަމަށް ސޮނެވާ ފުށިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން ފުރާނަ އަށް ނުރައްކާ ވުމުގެ އިތުރުން، މީގެ މާނަ އަކީ ކުޑަކުދިން އެ ކުދިންގެ ވަށައިގެންވާ ކަނޑުގެ ގުދުރަތީ ނިޒާމުތަކާމެދު ތިމާވެށީގެ ގޮތުން ލިބޭ ހޭލުންތެރިކަން ކުޑަވުން ކަމަށް ސޮނެވާ ފުށިން ބުންޏެވެ. މިހެންވެ، ސޮނެވާގެ “ފަތަން ދަސްކުރަމާ” ޕްރޮގްރާމް ފަރުމާ ކޮށްފައިވަނީ މޫދުގައި ކުދިން އުޅޭއިރު އިތުރަށް އަމިއްލަ ނަފުސާ މެދު ޔަގީންކަން ބޮޑު ކުރުމަށާއި އަދި ނުރައްކަލަށް ހުށަހެޅިފައިވާ މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ ހޭލުންތެރިކަން ދިވެހި އާ ޖީލަކަށް ފޯރުކޮށްދިނުމަށް ކަމަށް އެ ރިސޯޓުން ބުންޏެވެ.

"ފަތަން ދަސްކުރަމާ" ޕްރޮގްރާމްގައި ދިވެހި ކުދިންނަށް ފަތަން ދަސްކޮށްދެނީ. ފޮޓޯ: ކެޓްވީފޮޓޯގްރަފީ ޑޮޓް ކޯ ޑޮޓް ޔޫކޭ
“ފަތަން ދަސްކުރަމާ” ޕްރޮގްރާމްގައި ދިވެހި ކުދިންނަށް ފަތަން ދަސްކޮށްދެނީ. ފޮޓޯ: ކެޓްވީފޮޓޯގްރަފީ ޑޮޓް ކޯ ޑޮޓް ޔޫކޭ

 

މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި މިދިޔަ ދެ މަހުގެ ތެރޭގައި ވަނީ ބ. އަތޮޅު އޭދަފުއްޓާއި މާޅޮހުގެ ގްރޭޑް 3 ގައި ތައުލީމު ހާސިލު ކުރަމުން އަންނަ 60 ދަރިވަރުން ބައިވެރިވެފަ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު މިއީ ފުރަތަމަ ފަހަރަށް މޫދަށް އެރުނު ފަހަރު ކަމަށް ސޮނެވާއިން ފާހަގަ ކުރިއެވެ. އެ ގޮތުން އެ ކުދިން ވަނީ މާސްކް އަޅައިގެން ފެތުމުގެ އަސާސީ ހުނަރު ދަސްކޮށްފައެވެ.

މި ޕްރޮގްރާމްގައި ތަމްރީން ދިނުމުގައި އިސްކޮށް ތިބީ “ސޮނެވާ ހޮސްޓްސް” އިންސްޓްރަކްޓަރުންނާއި ވޮލަންޓިއަރުން ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މީހުންނެވެ. އަންނަ ހޯމަ ދުވަހު އެ ކުދިންނަށް ސެޓްފިކެޓް ދިނުމަށް ސޮނެވާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެއެވެ. އަދި މޫދުގައި ސްނޯކްލް ކުރުމުގެ ހަރަކާތެއް އެއާއެކު ހިންގާނެ އެވެ.

މި ޕްރޮގްރާމްގައި 8 ދިވެހިން ވަނީ ފަތަން ދަސްކޮށްދިނުމުގެ އިންސްޓްރަކްޓަރުކަމުގެ ތަމްރީން ވެސް ލިބިގެންފައި ކަމަށް ސޮނެވާއިން ބުންޏެވެ. އެ ގޮތުން އެ މީހުން ތަމްރީން ކުރީ ރާއްޖޭގެ ލައިފްގާޑުންނާ ބެހޭ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުންނެވެ.

މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައި ކަމަށް ވެސް ސޮނެވާއިން ފާހަގަ ކުރިއެވެ. އެ ގޮތުން ބ. އަތޮޅުގެ ވެރިރަށް ކަމަށްވާ އޭދަފުށީގެ ޕޮލިސް ސްޓޭޝަންގެ ތިން ފުލުހުން ވަނީ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަށްވެ، އެ ކަމުގެ ސެޓްފިކެޓް ހާސިލު ކޮށްފަ އެވެ.

ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ސޮނެވާފުށިން ފަތަން ދަސްކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ސޮނެވާފުށިން ފަތަން ދަސްކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

“ފަތަން ދަސްކުރަމާ” ޕްރޮގްރާމަކީ ސްލޯލައިފް ސިމްޕޯސިއަމް 2013 އިން އިސްނަގައިގެން ފެށި އަހަރީ ހަރަކާތެކެވެ. މި ކަން އިންތިޒާމް ކުރަނީ ސްލޯލައިފް ފައުންޑޭޝަނުންނެވެ. އަދި ސޮނެވާއިން ވަނީ މި ޕްރޮގްރާމް ސްޕޮންސަރކޮށްފައެވެ. މަޝްހޫރު ޝަހުސިއްޔަތުތައް އަންނަނީ މި ޕްރޮގްރާމްގެ ދަށުން ހިންގާ ތިމާވެއްޓާއި އިޖުތިމާއީ އިސްނެގުންތަކުގައި ބައިވެރިވަމުންނެވެ. “ފަތަން ދަސްކުރަމާ” ހިންގާތާ ދެވަނަ އަށް މިވީ އަހަރުގައި މިހާތަނަށް ވަނީ މުޅިއެކު 130 ދިވެހި ކުދިން ބައިވެރިވެފައެވެ.

‘ނެޝަނަލް ޖޯގްރަފިކް’ގެ ސައްޔާހު، ލިޔުންތެރިޔާ އަދި ފިލްމް ހެދުންތެރިޔާ ކަމަށްވާ ޖޯން ބަވަރމާސްޓަރ ވަނީ 2013 ވަނަ އަހަރު ސްލޯލައިފް ސިމްޕޯސިއަމްގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ. އަދި ދިވެހި ރާއްޖޭގައި ކަނޑު ހިމާޔަތް ކުރުމާއި ފެތުމާ ހުރި މުހިންމު ގުޅުން އިތުރަށް ހާމަ ކުރުމަށްޓަކައި ޑޮކިއުމެންޓްރީ ފިލްމެއް (ތިރީގައިވާ ޓްރެއިލަރ ބައްލަވާލައްވާ) ތައްޔާރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސޮނެވާއިން ބުނީ މި ފިލްމްގެ ސަބަބުން މި ފަދަ އިސްނެގުންތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެހެނިހެން ރިސޯޓްތައް ވެސް ސޮނެވާ އަދި ޖޯން އާ އަތުގުޅާލުމަށް ހިއްވަރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ދިވެހި ރާއްޖޭގެ ބ. އަތޮޅުގައި އޮންނަ ސޮނެވާ ފުއްޓަކީ ‘ޑެސަޓް އައިލެންޑް ހައިޑްއަވޭ’ގެ ކޮންސެޕްޓް އެންމެ އޮރިޖިނަލް ގޮތެއްގައި ރަމްޒު ކޮށްދޭ ރަށެވެ. މާނައަކީ “އެއްވެސް މީހަކު ނޫޅޭ، އެކަހެރި ޖަޒީރާ” ކޮންސެޕްޓެވެ. އެ ގޮތުން ގިނަ އަދަދެއްގެ ނިދާކޮޓަރި ހިމެނޭ ވިލާ ނުވަތަ އަމިއްލަ ރެސިޑެންސްގެ 57 “ވިލާ” ވަނީ އދ.ގެ ޔުނެސްކޯ ޖަމާއަތުން ބަޔޮސްފިއާ ހިމާޔަތް ކުރާ މުރަކަ ފަރަކާ ނުހަނު ކައިރި ސަރަހައްދެއްގައި ބޯ ޖަންގަލީގައި ގާއިމުކޮށްފައެވެ. ޒުވާން އަދި “ހިތް ވެސް ޒުވާން” ފަތުރުވެރިންނަށް ބައިސްކަލް ދުއްވާލާނެ މަގުތަކާއި ކުޑަކުދިންނަށް ހާއްސަ “ޑެން”އަކާއި ގިނަ ބާވަތްތަކުގެ މޫދު ކުޅިވަރުތަކާއި އޯޕަން-އެއަރ ނުވަތަ ބޭރު ތެރޭގައި ގާއިމުކޮށްފައިވާ ފިލްމް ދައްކާ ސިނަމާއަކާއި އައިސް ކްރީމްގެ 60 ބާވަތާއި ބާލީހުގެ 11 ވައްތަރަކާއި 500 ވައްތަރުގެ “ވައިން” ބުއިމުގެ އިތުރުން 9 ބާވަތެއްގެ ކެއުން ވެސް ސޮނެވާގައި ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.