އޭދަފުށީގެ 14 މަގެއްގައި ތާރު އަޅަނީ

ތާރު އަޅާ މަގުތައް ރަތްކުލައިން ފާހަގަކޮށްފައި
ތާރު އަޅާ މަގުތައް ރަތްކުލައިން ފާހަގަކޮށްފައި

 

ސަރުކާރުން ކުރިއަށް ގެންދާ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގައި ތާރު އަޅާނީ 14 މަގެއްގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އީޓީއަށް ދެއްވި އިންޓަވިއުއެއްގައި އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ އޭދަފުށީ މަގުތައް ހަދާއިރު ތާރު އަޅާނެ މަގުތައް މިހާރު ފައިނަލުކޮށް ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ބައެއް މަގުތަކާއި ގޯޅިތަކާއެކު 14 ވަރަކަށް މަގު ހިމެނެ އެވެ.

ރިޒާ ފާހަގަ ކުރެއްވި ގޮތުގައި ތާރު އަޅާނެ މަގުތައް ކަނޑައެޅުގައި ސަރުކާރުން ބޮޑަށް ވިސްނާފައިވަނީ އިދާރާ/ކުންފުނިތައް ތާރު އަޅާ މަގުތަކުން ގުޅާލެވޭ ގޮތަށެވެ.

“ތާރު އަޅާނެ މަގުތައް ކަނޑައެޅީ ރައްޔިތުންގެވެސް މަޝްވަރާގެ މަތިން، ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު، އެއީީ މިވަގުތަށް އެންމެ ރަނގަޅު މަގުތައް ކަމަށް ސަރުކާރަށްވެސް ފާހަގަ ކުރެވޭ މަގުތައް،” ރިޒާ ވިދާޅުވި އެވެ.

ތާރު އަޅައިގެން އޭދަފުށީގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ މަގުތަކުގެ ތެރޭގައި މެރިން ޑްރިވް ހިމެނޭ ގޮތަށް މިރަށުގެ ބޮޑުމަގާއި އެ މަގާ ގުޅޭގޮތަށް އޮންނަ ބައެއް ބޮޑެތި މަގުތަކާއި ސްކޫލް އަދި ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ މަގުތައް ހިމެނޭ އެވެ.

ތާރު އަޅާ މަގުތައް؛
* ރޯޝަނީ މަގު (ބޮޑު މަގު) ގެ އެއްކޮޅުން އަނެއް ކޮޅަށް
* އޯކިޑް މަގު (ހޮސްޕިޓަލު ކުރިމަތީ މަގު)
* މުއީނުއްދީން މަގު (ބޮޑު މިސްކިތް ހުންނަ މަގު) އެއްކޮޅުން އަނެއް ކޮޅަށް
* ޔޫސުފް ކަލޭފާނު މަގު (ރަށްދެބައިމަގު)
* ވަތަބަނޑޭރި މަގު (ސަހަރާގެ އިރުމަތީ މަގު)
* އަލިކިލެގެފާނު މަގު (ބޯޅަ ދަނޑުގެ ހުޅަނގު މަގު) ރޯޝަނީ މަގާ ގުޅޭ ހިސާބުން އުތުރަށް
* ހަލަވެލި މަގު (އިންޖީނުގޭގެ ދެކުނު މަގު)
* ޒަމާނީ ހިނގުން (ވަތަބަނޑޭރިމަގާ ގުޅޭ ހިސާބުން ހުޅަގަށް، އޯކިޑްމަގާ ގުޅޭ ހިސާބަށް)
* ދަންދިއްފަރު މަގު
* ޗާންދަނީ މަގު
* ދަނާލުގެ އުތުރުން އޮންނަ ގޯޅި ގަނޑު
* ނަސީމީ ހިނގުން (ރޯޝަނީ މަގާ ގުޅޭ ހިސާބުން އުތުރަށް)
* ޕޮލިސް ސްޓޭޝަންގެ އިރުމަތީ މަގު (ރޯޝަނީ މަގާ ގުޅޭ ހިސާބުން އުތުރަށް)
* މެރިން ޑްރައިވް (ބަނދަރުމަތީ ޔޫތު ސެންޓަރާ ހަމައިން ބޮޑު މިސްކިތް މަގާ ގުޅޭ ހިސާބަށް)
* ކައުންސިލް އިދާރާ ކުރިމަތި

އޭދަފުށީގައި މަގުތައް ހެދުމުގެ ސާވޭގެ މަސައްކަތްނިމި އީއައިއޭގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު ކައުންސިލުން ބުނި ގޮތުގައި، ކުރިއަށް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ލަފާ ކުރެއެވެ.

އޭދަފުށީ މަގުތަކުގައި ތާރު އަޅާނީ ފެނުގެ ނިޒާމު ގާއިމުކުރުމަށް ފެން ހޮޅި އާއި އެހެނިހެން ކޭބަލްތަކަށް ބޭނުންވާ ހޮޅިތައް ވަޅުލުމަށް ފަހު ކަމަށް ބެލެވެ އެވެ. ފެނުގެ މަޝްރޫއުގެ ސާވޭގެ މަސައްކަތް ނިމިފައިވާއިރު، އޭގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ސަރުކާރުންވަނީ ބުނެފަ އެވެ.

ކައުންސިލުން ލަފާކުރާ ގޮތުގައި، އޭދަފުށީ މަގުތައް ހެދުމާއި ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށޭނީ މިއަހަރުގެ ފަހުކޮޅު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.