މިިނިވަން 50 މުބާރާތުގައި އޭދަފުށިން ބައިވެރިނުވާން ނިންމައިފި

1472745_564374913637528_665673118_n

މިނިވަން 50 މުބާރާތުގެ ނަމުގައި އަންނަމަހު 31 ވަނަ ދުވަހު ފަށަން އެފްއޭއެމްއިން ނިންމާފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބ. އޭދަފުށިން ބައިވެރިނުވާން ނިންމައިފި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން، ހަފުތާ ބަންދުގައި މެޗުތައް ކުޅޭ ގޮތަށް، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އޭދަފުށިން ބައިވެރިނުވާން ނިންމީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ކައުންސިލުގެ ރައީސް އަލި ވަހީދު ވިދާޅުވި ގޮތުގައި ފަހު ވަގުތު މުބާރާތުގައި ބައިވެރިނުވާން ނިންމީ ކައުންސިލުން އެކަމަށް ފައިސާ ޚަރަދު ކުރާނެ ގޮތެއް ނުފެނިގެންނެވެ.

“މިއަދު ބޭއްވި ބައްދަލުވުމަށް ނައުރީފު (ކައުންސިލުގެ ނައިބް ރައީސް) ހުށަހެޅީ ޓީމުގެ މެނޭޖަރު މާލެ ފޮނުވުމަށް ފައިސާ ޚަރަދު ކުރުމަށް، ނަމަވެސް ކައުންސިލުން އެކަން ފާސްނުވި،” އަލީ ވަހީދު ވިދާޅުވި އެވެ.

އެހެންވެ ކައުންސިލުން މިއަދު ނިންމީ ދެން މި މުބާރާތުގައި ބައިވެރިނުވާ ގޮތަށެވެ. ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހްމަދު ނާސިރު އެވެ.

މިރޭ އެފްއޭމްގައި އޮންނަ މެނޭޖަރުންގެ ބައްދަލުވުމަށް ޓީމުގެ މެނޭޖަރު ހާޒިރުވާން ޖެހެއެވެ. އެ ބައްދަލުވުމުގައި މެނެޖަރަށް ބައިވެރިނުވެވިއްޖެ ނަމަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭނެކަމަށް ކައުންސިލުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުުރުސަތު އެފްއޭއެމުން ދެނީ ކޮންމެ ރަށަކުން އެއް ޓީމަކަށެވެ. މުބާރާތުގައި ތިން ބުރު ހިމެނޭއިރު، ފުރަތަމަ ބުރުގައި އޮންނާނީ އަތޮޅު ފުޓްބޯޅަ މުބާރާތެވެ. އެގޮތުން ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ކޮންމެ އަތޮޅަކުން އެއް ވަނަ ހޯދާ ޓީމު ކޮލިފައިވާނީ ޒޯން ބުރަށެވެ. އެ ބުރުގައި އޮންނާނީ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގެ އެއް ވަނަ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެވެ. އަދި އޭގެން ކޮންމެ ޒޯނަކުން އެއް ވަނަ ހޯދާ ނުވަ ޓީމުގެ މެދުގައި ފައިނަލް ބުރު މި ފަހަރު އޮންނާނީ އައްޑޫ ސިޓީގަ އެވެ.

އެފްއޭއެމުން ބުނީ ޗެމްޕިއަން ޓީމަށް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ރަށެއްގެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުުރުސަތު ދޭނެ ކަމަށާއި މެޗުތައް އޮންނާނީ ހޯމް އެެންޑް އަވޭ އުސޫލުން ކޮންމެ ހަފުތާ ބަންދެއްގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. DR

    އީޓީއަކީއޭދަފުށީގެ މަސްލަހަތުނަގާލާއެންމެ އިސްފަރާތް. ނޭގޭވާހަކަތައްލިޔެގެން މުޅިރަށްފިތުނަކޮށްފި. މީ މިނިވަންކަމޯ.ބޭނުންހާވާހައެއްލިޔުމަކީނޫސްވެރިކަމުގެމިނިވަންކަމޯ.މިނޫސްވެރިންގެ އަމަޔޭބަފަޔޭކިޔައިގެންހިތުހުރިއެއްޗެއްލިޔެފާ މިބުނަނީ މީނޫސްވެރިކަމުގެމިނިވަންކަމޯ.މީބޯގޯސްބައެއް.

    ރައްދު
  2. މުޙައްމަދު ރިޟާ

    ފުޓްބޯޅަ މުބާރާތުގައި ބައިވެރި ނުވާގޮތަކަށް ކައުންސިލަކުން ނިންމާ ފައެއްނޯންނާ އަދި މިކަމާ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގައި މަސްވަރާ ކޮއްފައެއްވެސް ނުވާނެ، ކައުންސިލުން ފައިސާ ޚަރަދު ކުރެވޭނީ ހަަމަޖެހިފައިވާ އުސޫލުން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފައިސާ ޚަރަދު ކުރުމަށް ކައުންސިލްގެ ރައީސްވެސް އަދި ނައިބު ރައީސް ވެސް ކައުންސިލަށް ހުށަހެޅިނަމަ އެކަަން ފާސްވީސް، އެކަމަކު ޤާނޫނާ ޤަވާއިދާ ޙިލާފަށް ފައިސާ ޚަރަދު ކުރުމަކަށް ކައުންސިލަކުން ވޯޓެއް ނުދެވޭނެ. މިފަދަ ބޮޑުކަމެއް ކުރާއިރު ފުރަތަމަ ޖެހޭނީ ކައުންސިލަށް ބަޖެޓެއް ހުށަހަޅަން، އެކަމެއް ނުކުރޭ، ދެން ކައުންސިލުން ކީއްކުރާނީ، އަޅުގަނޑު ޤަބޫލެއް ނުކުރަން ކައުންސިލުން ޤާނޫނާ ޤަވާޢިދާ ޙިލާފަށް ކަންތައްތައް ކުރުމަށް މިރަށު ރައްޔިތުންވެސް ޤަބޫލު ވާނެހެނެއް. އަޅުގަނޑުގެ ސުވާލަކީ މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ބައިވެރި ނުވާގޮތަށް ކައުންސިލުން ނިންމީ ކޮންއިރަކުބާ އަދި އެބައްދަލުވުމުގައި ބައިވެރިވީ ކޮންކައުންސިލަރުންނެއްބާ. އަޅުގަނޑަކީވެސް ކައުންސިލަރެއް އަޅުގަނޑު އަށް އެބައްދަލުވުމަށް ދައުވަތުއެއް ނުދޭ، އަފްސަލް އަދި ރާމިޒްއަކަށްވެސް ދައުވަތެއް ނުދޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.