ޑެންގީއަށް ޝައްކު ކުރެވޭ ހަތް މަހުގެ ތުޅާދޫ ކުއްޖަކު މަރުވެއްޖެ

ޑެންގީ ހުން ފަތުރާ މަދިރި:
ޑެންގީ ހުން ފަތުރާ މަދިރި:

ޑެންގީ ހުން ކަމަށް ޝައްކު ކުރެވޭ އުމުރުން ހަތް މަހުގެ ކުއްޖަކު ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު މަރުވެއްޖެ އެވެ.

ތުޅާދޫން އިތުރު ފަރުވާއަށް މިއަދު އިރުއޮއްސުނުކަން ހާއިރު އޭދަފުއްޓަށް ގެންދިޔަ އެ ކުއްޖާ މަރުވީ ޑެންގީ ހުން ޖެހިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ. ސަބަބަކީ ޑެންގީއަށް ޓެސްޓް ހަދާފައި ނުވާތީ އެވެ.

އެހެން ނަމަވެސް ތުޅާދޫ ސިއްހީ މަރުކަޒާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ކުއްޖާ މަރުވީ ޑެންގީ ޖެހިގެންނެވެ.

އެހެން ނަމަވެސް ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް މިރޭ “ހަވީރަ”ށް ވިދާޅުވެފައިވަނީ ހަތް މަހުގެ ފިރިހެން ކުއްޖާ ޑެންގީއަށް ޕޮޒިޓިވް ނުވާ ކަމަށެވެ.

“ޑެންގީއަށް ޕޮޒިޓިވް ނުވޭ. ޑެންގީއަށް ޕޮޒިޓިވް މިވަނީ ހުން އަންނަތާ ދެ ތިން ދުވަސް ފަހުން. އަޅުގަނޑުމެންނަށް ޝައްކު ކުރެވެނީ ޑެންގީ ކަމަށް. އެއީ ތުޅާދޫގައި ވަރަށް ހަލުއިކަމާ އެކު ޑެންގީ ފެތުރޭތީ،” އާދިލް ހަވީރަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޑޮކްޓަރުގެ ބަހެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ކުއްޖާއަށް ހުން ޖެހިފައިވާތާ މިއަދަށް ތިން ދުވަސްވީ އެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ފަހުން ކުއްޖާ މަރުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި ދަރިފުޅު މަރުވީ ޑެންގީ ޖެހިގެން ކަމަށް ޑޮކްޓަރު ވިދާޅުނުވާ ކަމަށެވެ. އަދި ޑެންގީއަށް ޓެސްޓް ވެސް ނުހަދާ ކަމަށް އޭނާ “ހަވީރަ” ށް ބުނެފައިވެ އެވެ.

“ވަރަށް ގަދަ ހުމެއް އައީ. އެކަމަކު އޭދަފުއްޓަށް ގެނައިއިރު ހުން މަޑުވެފައި އޮތީ،” އާއިލާގެ ހަތަރުވަނަ ދަރިފުޅުގެ މަރާ ގުޅޭ ގޮތުން މަންމަ ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު މެންދުރާ ހަމައަށް ބެލިއިރު، ޑެންގީ ޖެހިގެން މީހަކު މަރުވި ކަމެއް ރިޕޯޓް ކޮށްފައި ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.