މާޅޮހު ކުނިމެނޭޖުކުރާ ސެންޓަރު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

ބ. މާޅޮހު ކުނި މެނޭޖްކުރާ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ / ސަން
ބ. މާޅޮހު ކުނި މެނޭޖްކުރާ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން –ފޮޓޯ / ސަން

ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބ. މާޅޮހުގައި ގާއިމުކުރި ސެންޓަރު އިތުރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ތަޝީޝާ އާއި އެންވަޔަރަމަންޓް މިނިސްޓަރީއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމު އެވެ. ތަޝީޝާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހުސައިން ޝިފާނު އެވެ.

މާޅޮހު ކުނި މެނޭޖުކުރާ ސެންޓަރު ތަރައްގީ ކުރުމަށް ތަޝީޝާ އާ ހަވާލުކުރީ 591139 ރުފިޔާ އަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ތަޝީޝާ ކުންފުންޏާ މިއަދު މި މަސައްކަތް ހަވާލުކުރީ ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މާޅޮހުގައި މިދިޔަ މަހު ކުރީކޮޅު ހުޅުވި ސެންޓަރަކީ، ތިމާވެއްޓާ ރައްޓެހި، ހެޔޮ ގޮތެއްގައި ކުނި ނައްތާލުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކާމިޔާބު މަސައްކަތެއް ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނެއެވެ. އަދި އެ ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމޭއިރު ސަރުކާރުން ގަބޫލުކުރާ ފެންވަރަށް މާޅޮހު ކުނި މެނޭޖް ކުރުމުގެ މަރުކަޒު ތަރައްގީވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިއީ ރ. ވަންދޫގައި ހަދާފައި ހުރި ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖުކުރާ ސެންޓަރަށް ކުނި ގެންދިއުމުގެ ކުރިން، ރަށުގައި ނައްތާލެވެން ހުރި ކުންޏެއް ނައްތާލުމަށް ހެދި ސެންޓަރެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ވަނީ ނ.ރ.ބ. އަދި ޅ އަތޮޅުގެ ރަށްތަކުގައި އުފުދޭ ކުނި ނައްތާލަން ވަންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންދަން ބޭނުންވާ ކޮޅުވެއްޓި ބަނދެ ރާއްޖެ ގެންނަން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

ސަރުކާރުން 645،000ރ. ހަރަދު ކޮށްގެން ކޮޅުވެއްޓި ގެންނަން ހަވަލުކުރީ ވިޖައި މެރިން ސާވިސް ކުންފުންޏާ އެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަން ޖެހޭ ގޮތަށް ވީ އެއްބަސްވުމުގެ ދަށުން ތައްޔާރުކުރާ 30 މީޓަރުގެ ކޮޅުވެއްޓީގައި 200 ޓަނުގެ ކުނި އުފުލެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ މަހު ވަންދޫގައި އިންސިއުލޭޓަރުތައް ހަރުކޮށް ޓެސްޓުތައް ފެށޭވަރުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.