އޭދަފުށީގައި ޗެރީ، ވަރަށް މީރު!

ބ.އޭދަފުށީ ރަންގަލިގޭގައި ހުރި ޗެރީ ގަހުގައި ޗެރީ އަޅާފައި. -- ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ބ.އޭދަފުށީ ރަންގަލިގޭގައި ހުރި ޗެރީ ގަހުގައި ޗެރީ އަޅާފައި. — ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

 [ނޯޓް: މިއީ ހަވީރު އޮންލައިނުން ނަގާފައިވާ ލިޔުމެއް]

ރާއްޖޭގައި އާންމުކޮށް ނުހެދޭ ބައެއް ބާވަތުގެ ގަސްތައް ހެއްދުމަށް ބައެއް މީހުން ބުރަކޮށް މަސައްކަތްކުރެ އެވެ. އެކަމަކު ކާމިޔާބު ވަނީ މަދު ފަހަރަކު އެވެ. އެކަމަކު ބ.އޭދަފުށީ ރަންގަލިގޭ ތެރޭގައި ޗެރީ ގަހެއް ހެދި ބޮޑުވީ މާބޮޑު އަޅާލުމެއް ދީގެންނެއް ނޫނެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އިންދި އެ ގަހުގައި ޗެރީތައް ކޯޅިކޯޅިއަށް އަޅަން ފެށުމުން އެކަން ވީ މުޅިން ތަފާތު ކަމަކަށެވެ.

ލަންކާ އިން މި ގަސް ގެނައި، އޭދަފުށީ ކުރީގެ ކުޑަކަތީބު އިބްރާހިމް މުހައްމަދު ވިދާޅުވީ އެއީ ލަންކާގެ ބާޒާރަކުން ގަތް ކުޑަކުޑަ ގަސްކޮޅެއް ކަމަށެވެ. ޓައްޕެއްގައި ގަސް އިންދުމަށް ފަހު ގޯތިތެރޭގައި ބެހެއްޓީ ގަސް ހެދޭނެ ކަމުގެ މާބޮޑު އުންމީދެއް އޮވެގެންނެއް ވެސް ނޫނެވެ.

“އެއީ އަޅުގަނޑު މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ލަންކާ އަށް ކުރި ދަތުރެއްގަ އެތަނުގެ ބާޒާރަކުން ގަތް ކުޑަކުޑަ ގަސްކޮޅެއް. އެ ގެނެސް ޓައްޕު ގަނޑެއްގަ ގޯތިތެރޭ ބަހައްޓާފަ ހުރީ އަޅާވެސް ނުލައި. އެހެން ހުއްޓަ ގަސް ރީއްޗަށް ހެދެން ފެށީމަ ޓައްޕުގަނޑާ އެކު ވަޅުލީ،” ޒަމާންތަކެއް ވަންދެން ދައުލަތަށް ހިދުމަތްކުރެއްވުށް ފަހު މިހާރު ރިޓަޔާކުރައްވާފައިވާ އިބްރާހިމް ވިދާޅުވި އެވެ.

ޗެރީއާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުންތަކުގައި ބުނާ ގޮތުން އޭގެ ގަހެއް ހެއްދުމަކީ ފަސޭހަކެއް ނޫނެވެ. އަދި އަމުދުން ރާއްޖޭގައި ޗެރީ ގަސް ހައްދައި، އޭގައި މޭވާ އެޅުމަކީ ކުޑަ ކަމެއް ނޫނެވެ. ޗެރީ އަކީ ހައްދަން އުނދަގޫ ގަހަކަށް ވާއިރު ފާޑުފާޑުގެ ބަލިތައް ޖެހެ އެވެ. އަދި ރާއްޖެ މި އޮންނަ ސަރަހައްދުގެ މޫސުން ވެސް ޗެރީގަހާ ބީރައްޓެއްސެވެ. އެ ގަސް އާންމުކޮށް ހެދެނީ ޔޫރަޕާއި އޭޝިއާގެ ހުޅަނގު ބިތުގެ ގައުމުތަކާއި އެފްރިކާގެ އުތުރު ބިތުގެ ގައުމުތަކުގަ އެވެ.

ބ.އޭދަފުށީ ރަންގަލިގޭގައި ހުރި ޗެރީ ގަހުގައި ޗެރީ އަޅާފައި. -- ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ބ.އޭދަފުށީ ރަންގަލިގޭގައި ހުރި ޗެރީ ގަހުގައި ޗެރީ އަޅާފައި. — ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

 

ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ޗެރީ ގަސް ހައްދައި އެއިން މޭވާ ލިބިފައިވެ އެވެ. އެކަމަކު އޭދަފުށީގައި ހެދިފައި ހުރި ގަސް ބޮޑުވެފައި މާގިނައިން މޭވާ ވެސް ލިބެ އެވެ.

“ވަރަށް ބައިވަރު އަޅާ. އަންނަ މީހަކަށް ވިއްޔާ އަޅުގަނޑު މި ދެނީ. ބައެއް މީހުން ގޮފިކޮޅުތައް ގެންގޮސް ހައްދަން ވެސް މަސައްކަތްކުރޭ. ކައިރި ރިސޯޓްތަކުގައި ވެސް ހައްދަން އުޅެ ކާމިޔާބު ނުވި ކަމަށް ވަނީ. އެކަމަކު މިރަށު އެހެން ގެއެއްގައި މީގެ ގަހެއް ހުންނަ ކަމަށް މީހުން ބުނޭ،” އިބްރާހިމް ވިދާޅުވި އެވެ.

އެހެންވެ އޭދަފުށީގެ ބިމާ ޗެރީ ގަސް މާބޮޑަށް ގުޅެނީ ކަމަށް ވެދާނެ އެވެ.

ރާއްޖޭގައި އާންމުކޮށް ނުހެދޭ ގަހަކުން ލިބޭ މޭވާ މީރު ނުވާނެ ކަމަށް އޮންނަނީ ބެލެވިފަ އެވެ. އެކަމަކު މި ޗެރީ ގަހުގެ މޭވާ ފޮންޏެވެ.

ބ.އޭދަފުށީ ރަންގަލިގޭގައި ހުރި ޗެރީ ގަހާއި އޭގައި އަޅާފައިވާ ޗެރީ. -- ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ބ.އޭދަފުށީ ރަންގަލިގޭގައި ހުރި ޗެރީ ގަހާއި އޭގައި އަޅާފައިވާ ޗެރީ. — ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

“ފަނި ގިރާލައިގެން ފިނިކޮށްލައިގެން ވެސް ވަރަށް މީރު އެއްޗެއް މިއީ،” އިބްރާހިމް، 78، ވިދާޅުވި އެވެ.

ރަންގަލިގޭގައި ހުރި ގަސް އެހާ ބޮޑުކޮށް ނުފެންނަނީ އެ ގަސް އަބަދު ކޮށާތީ އެވެ. އެއީ އެކި ބާވަތުގެ ގަސް އިންދާ ހައްދާ ގެޔަކަށް ވުމުން އެހެން ގަސްތަކަށް ޖާގަވެސް ދޭން ޖެހޭތީ ގަސް ކޮށަން ޖެހެނީ  އެވެ. އެކަމަކު ގަހުގެ ހަރުވެފައިވާ ގޮފިތަކުން އެއީ ވަރުގަދަ ގަހެއްކަން އެނގެ އެވެ. އިބްރާހިމް ވިދާޅުވީ ގަސް ކޮށަން ޖެހުނަސް ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.