ޖަމީލު މަގާމުން ވަކި ކުރުމާ ދެކޮޅަށް ކެންދޫ މެންބަރު ވޯޓު ދެއްވި ކަމާމެދު އޮޅުންތަކެއް

މަހްލޫފް (ވ) އަދި އަލީ ހުސެއިން: ނައިބް ރައީސް ވަކި ކުރުމަށް ވޯޓު ދެއްވީ ދެކޮޅަށް. --ފައިލް ފޮޓޯ: މަޖިލިސް
މަހްލޫފް (ވ) އަދި އަލީ ހުސެއިން. –ފައިލް ފޮޓޯ: މަޖިލިސް

ދިވެހި ރާއްޖޭގެ ނައިބު ރައީސް ކަމުގެ މަގާމުން މުހައްމަދު ޖަމީލު އަހްމަދު ވަކި ކުރުމަށް ރައްޔިތުންގެ މަޖިިލީހުގެ 78 މެންބަރުން މިއަދު ވޯޓު ދެއްވިއިރު، އެ ކަމާ ދެކޮޅަށް ވޯޓު ދެއްވި 2 މެންބަރުންގެ ތެރެގައި ބ. އަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހިމެނޭ ކަމަށް ބުނެވޭ ރިޕޯޓްތަކުގައި އޮޅުން އަރައިފިއެވެ.

ހަވީރު ނޫހުން ވަގުތުން ގެނެސްދިން ޖަލްސާގައި 1:42 ގައި ގެނެސްދިން އަޕްޑޭޓްގައި ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ އެ 2 މެންބަރުންގެ ތެރޭގައި ދެން ހިމެނެނީ މާލޭ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭދަފުށި ޓައިމްސްއިން އަލުން ޗެކް ކުރި އިރު ހަވީރުން ވަނީ އެ އަޕްޑޭޓް ބަދަލުކޮށްފައެވެ. އެ ގޮތުން ހަވީރުން ކުރި “އިސްލާހު”ގައި ބުނެފައިވަނީ މަހްލޫފުގެ އިތުރުން ޖަމީލު މަގާމުން ދުރު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ހއ. ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ކަމަށެވެ.

“ހުސެއިން އަރީފަކީ، ޖަމީލް މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި 61 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް” ކަމަށް ހަވީރުގައި އިތުރަށް ވެއެވެ.

ނަމަވެސް ރާއްޖޭގެ ބައެއް އެހެން މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ މަހުލޫފުގެ އިތުރުން، ޖަމީލު މަގާމުން ދުރުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އަލީ ހުސައިން ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން އޭދަފުށި ޓައިމްސް އިން ދާދި ދެންމެއަކު ހަވީރު ނޫހަށް ގުޅާލުމުން އެ ނޫހުން ބުނީ ރަނގަޅު ގޮތަކީ އަހްމަދު މަހުލޫފާއި ހުސައިން އަރީފު ކަމަށެވެ.

“ޖަމީލު މަގާމުން ދުރު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އަހްމަދު މަހްލޫފު އާއި ހުސައިން އަރީފު،” ހަވީރުގެ އެޑިޓަރަކު އީޓީއަށް ވިދާޅުވިއެވެ.

އަށްޑިހަ މެންބަރުން ހާޒިރު ވެވަޑައިގެންނެވި މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ އެއްވެސް މެންބަރަކު ނެތް ކަމަށް ވެސް ހަވީރުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރަން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހާ ދެކޮޅަށް އަލީ ހުސައިން އަދި އަހްމަދު މަހުލޫފު 24 ޖޫން 2015 ގައި ވޯޓު ދެއްވި ކަމަށް ހަވީރުގައި ކުރިން ރިޕޯޓް ކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.