ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ހަތް ޓީމު

އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން
އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން

އަންނަ ބޮޑުއީދު ބަންދުގައި އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ހަތް ޓީމު ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން “ރައީސް ޔާމީން 2018” ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 55،000ރ ހުށަހަޅަފައިވެ އެވެ.

މުބާރާތުގައި މި އަހަރު ވާދަކުރަނީ އެންމެ ފަހުން ބޭއްވި ބޮޑުއީދު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމްއޭ ޔުނައިޓެޑް އާއި ސަންސެޓް ސްޕޯޓްސް އާއި ސައިނޯސާ ސްޕޯޓްސް އާއި އެންޖޯއީ ފްރެންޑްސް އާއި ޔުނައިޓެޑް ވީ އާއި ވެލާ ސްޕޯޓްސް އަދި މުބާރާތުގައި އަލަށް ބައިވެރިވި ސޮނެވާފުށި ރިސޯޓް އެވެ.

މުބާރާތް ރާވާ އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޭދަފުށީ ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މުބާރާތުގައި ޓީމުތައް ބައިވެރިކޮށްފައިވަނީ ދައުވަތު ދީގެންނެވެ.

“އެގޮތުން ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވެފައިވަނީ ހަތް ޓީމު. މީގެ އިތުރުން ރަށުން ބޭރު އިތުރު ޓީމަކަށް ދައުވަތު ދިނުން އެކަށީގެންވޭ. ނަމަވެސް އޭދަފުށިން އިތުރު ޓީމެއް ދެން ނުހިމެނޭނެ،” ބައްޓޭ ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސްކޮޑުގައި ރާއްޖޭގެ ފަސްޓް ޑިވިސަންގެ ކުޅުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު މިއަހަރު ވެސް ހުޅުވާލާފައިވާ ވެ އެވެ.

ބައްޓޭ ބުނި ގޮތުގައި ފުޓްބޯޅަ މުބާރާތުގެ އިތުރުން މިއަހަަރުގެ ބޮޑު އީދު ބަންދުގައި ޒުވާނުންގެ ކްލަބުން 10،000ރ ގެ އަގު ބޮޑު ބަށި މުބާރާތެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް ބައްޓޭ ބުންޏެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.