ޖަމީލާ ދެކޮޅު ވޯޓުގައި މަޖިލީހުން ނުކުމެވަޑައިގަތީ ކަމަށް ކެންދޫ މެންބަރު ވިދާޅުވެއްޖެ

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން. ފޮޓޯ: މަޖިލިސް
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން. ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގައި ހުންނެވި މުހައްމަދު ޖަމީލު އަހްމަދު އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ނުކުމެވަޑައިގަތީ ކަމަށް، ބ. އަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އީޓީ އަށް ވިދާޅުވެއްޖެއެވެ.

ނަމަވެސް މިއަދު ވަރަށް އަވަދިނެތި އުޅުއްވާތީ އެ ކަމުގެ ތަފުސީލު އޭނާ އަށް ދެއްވޭ ގޮތެއް ނުވިއެވެ.

މިއަދު އޮތް މަޖިލީހުގެ ސެޝަންގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މިއަދު ހުށަހެޅުނު ގަރާރުގައި ޖަމީލު މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް އޮތް އިރު، “ކުރެއްވި ކަމެއް، ނުކުރެއްވި ކަމެއް އަޅުގަނޑުމެންނަކަށް ދޭހަވާކަށް ނެތް” ކަމަށެވެ.

ގާނޫނީ ވަކީލެއްގެ އެހީގައި ނަމަވެސް ޖަމީލަށް އޭނާގެ ނަފުސު ދިފާއު ކުރުމުގެ ބާރު ލިބިފައިވާ ކަމަށާއި މިއީ “ހަގީގަތުގައި ނިޒާމީ މައްސަލައެއް” ކަމަށާއި “އުސޫލީ މައްސަލައެއް” ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުގައި ބައިވެރިވެވަޑައި ނުގަތަސް، “މި އުސޫލުތައް ވަކި ގޮތަކަށް ކުރުކޮށްލާފައި ނުވަތަ ކުރުގަންނަވައިލާފައި ވަކި ކަހަލަ ކަންތައްތަކެއް ކުރަން ނިންމުމަކީ އަޅުގަނޑު ދަންނަވާނީ އެއީ ގާނޫނުއަސާސީގެ ރޫހާ އަދި ގާނޫނުއަސާސީގެ އަކުރާ ވެސް ހަމަ ކަނޑައެޅިގެން ހިލާފު ކަމެއް” ކަމަށް އަލީ ހުސައިން މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

“ދަންނަވަން މިއުޅޭ ވާހަކައަކީ މި ފަދަ މައްސަލައެއްގައި އެ މީހަކު ކަނޑައަޅާފައި ވަކީލަކު މެދުވެރިކޮށް މި މަޖިލީހުގައި ޖަވާބުދާރީ ނުވެވޭ ގޮތަށް އޮތުމަކީ އެއީ ދެރަވަރު ކަމެކޭ. މިއަދަކީ މި މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވީ ނަމަވެސް، އަދި އަޅުގަނޑުމެން މިއަދު ކޮންމެ ގޮތަކަށް ވޯޓު ދިން ކަމުގައި ވީ ނަމަވެސް، ދިވެހި ރާއްޖޭގެ ތާރީހުގައި ހަމަ ޔަގީނުން ވެސް ކަޅު އަކުރުން ނުވަތަ ކަޅު ސަފުހާއެއްގެ ގޮތުގައި މިއަދު މި ދުވަސް ލިޔެވިގެންދާނެ،” އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ “އެއީ ކޮންމެހެން ވަކި މީހަކު ވަކި ކުރާތީކީ ނޫން” ކަމަށާއި ނަމަވެސް “ގާނޫނު އަސާސީގައިވާ އުސޫލަކާ ހިލާފަށް” “މީހަކަށް ލިބިދީފައިވާ އަސާސީ ހައްގުތަކަކަށް އުނިކަން ލިބޭ ގޮތަށް” “ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގެ އެންމެ ފަހު ދެ ފޮޅުވަތުގައި ނުވަތަ ތިން ފޮޅުވަތުގައިވާ އުސޫލާ ކަނޑައެޅިގެން ހިލާފަށޭ މި ކަން ހަގީގަތުގައި ނިމިގެން ދާން މިއުޅެނީ” ކަމަށާއި، އަދި ރައްޔިތުންގެ ވޯޓަކުން ސީދާ ހޮވާފައިވާ ދެ މަގާމު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި އެ މަނިކުފާނުގެ ނައިބު ކަމުގައި ހުންނަވާ މީހަކު މަގާމުން ދުރު ކުރުމަށް މަޖިލީހުގައި ތިއްބެވި “އަށްޑިހަ އެތަކެއް މެންބަރުންތަކެއް” ރައްޔިތުން ދިން ވޯޓެއް “ބޮލާލާޖަހާއިރުގައި ނުވަތަ ބޮލައިލާނުޖަހާ ދޫކޮށްލި ކަމުގައި ވިީ ނަމަވެސް” އެ ކަން ކުރަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. (އަލީ ހުސައިންގެ ވާހަކަފުޅުގެ ތަފުސީލު މަޖިލިސްގެ މިއަދުގެ ޔައުމިއްޔާގެ 22 އަދި 23 ވަނަ ސުފަހާގައި)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.