ބޭރު މީހުންނަށް ރާއްޖޭގެ ބިން އަމިއްލަ ކުރެވޭ ގާނޫނާ ކެންދޫ މެންބަރު ދެކޮޅު

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން. ފޮޓޯ: މަޖިލިސް
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން. ފޮޓޯ: މަޖިލިސް

ބިދޭސީ ފަރާތްތަކަށް ރާއްޖެއިން ބިން ހިއްކައިގެން އޭގެން ބައެއް އަމިއްލަ ކުރެވޭ ގޮތަށް ގާނޫނު އަސާސީ ރައްޔިތުންގެ މަޖިލީހުން މިއަދު ހަވީރު ފާސްކޮށްފި ކަމަށް ހަވީރުން ރިޕޯޓް ކުރިއިރު، އިއްޔެ މި ބިލަށް ބަހުސް ކުރިއިރު އެ ކަމާ ދެކޮޅު ހައްދަވާފައިވަނީ ތިން މެންބަރުން ކަމަށާއި އެއީ ބ. އަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ސ. މީދޫ ދާއިރާގެ ރޮޒައިނާ އާދަމް އާއި މާލޭ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

އެ ގޮތުން ހަވީރުން އިއްޔެ ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ބިންތައް ބޭރުގެ އިންވެސްޓަރުންނަށް މިލްކުކުރެވޭ ގޮތަށް ހަމަޖައްސުމުން އެކަމާ މެދު ދިވެހި ރައްޔިތުން ފަހުން ހިތާމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އިސްލާހަށް އެމްޑީޕީންނާއި ޖުމްހޫރީ ޕާޓީން ތާއީދުކުރަނީ އަމިއްލަ މަސްލަހަތުގައި ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ނުގެންނަވައި ވިދާޅުވި ކަމަށެވެ.

އަލީ ހުސެންގެ ނަޒަރުގައި ސަރުކާރުން ކުއްލިއަކަށް ގާނޫނުއަސާސީ އަށް އެ ބަދަލު ގެންނަނީ ކުރިން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް)ގެ ގާނޫނުގެ ދަށުން ރާއްޖެ އަށް އިންވެސްޓަރުން ނާންނާތީ ކަމަށެވެ.

“ވެގެން މި އުޅޭ ގޮތަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު ފާސްކުރުމުން އެއިން ހޯދަން ބޭނުންވި ނަތީޖާ ހާސިލްނުކުރެވުން. އެ ގާނޫނާ އެކީގައި އަންނާނެ ކަމަށް ލަފާކުރި އިންވެސްޓަރުން މި ގައުމަށް ނައީ،” އަލީ ހުސެން ވިދާޅުވި އެވެ.

“އިންވެސްޓަރުން ނައިމާ މި އުޅެނީ މި ގާނޫނުއަސާސީ ބަދަލުކޮށްގެން އިންވެސްޓަރުން ގެނައުމުގެ ބަދަލުގައި މި ގައުމު ވިއްކާލަން.”

ސަރުކާރާ އިދިކޮޅު މެމްބަރުންނަށް އޭނާ ގޮވާލެއްވީ ވަކި ފަރުދެއްގެ މިނިވަންކަމަށްޓައި ނުވަތަ ވަކި މީހެއްގެ މުދާ ހިމާޔަތްކުރަން ގައުމު ވިއްކާ ނުލުމަށެވެ.

އޭނާ އެ ގޮތަށް އެ ވިދާޅުވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ރައީސް ނަޝީދު މިނިވަންކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގައި މަޖިލިހުގެ މެމްބަރުން ސަރުކާރަށް ކުރާ ތާއީދަށާއި ގާސިމަށް މި ފަހުން ސަރުކާރުން ކުރިމަތިކުރުވި ދަތިތަކުން ސަލާމަތްވުމަށް އޭނާ ވެސް ސަރުކާރަށް މިހާރު ކުރައްވާ ތާއީދަށް ނިސްބަތްކުރައްވާ ކަމަށް ހަވީރުގައި ވެއެވެ.

“އަޅުގަނޑުމެނަށް މި ފެންނަނީ 25 އަހަރަށް ޖީއެމްއާރަށް ދިވެހި ރާއްޖޭގެ އެއާޕޯޓު ދިނީމަ އެކަމާ ނުރުހިގެން ނުކުން މީހުން މިއަދު މުޅި ގައުމުގެ މުސްތަގުބަލް، މިއަދު މި ގައުމުގައި ތިބި ރައްޔިތުންގެ ހައްގުތައް އަދި، ވިއްކާލަން ނުކުމެ ތިބި މަންޒަރު. މިއީ ހިތާމަކުރަން ޖެހޭ ކަމެއް، ” އޭނާ ވިދާޅުވި އެވެ.

އަލީ ހުސެން ވިދާޅުވި ގޮތުގައި ރާއްޖެ އިން ބިން ވިއްކާލެވެނީ ކޮން ބަޔަކަށްކަން އަދި ހަރަދު ކުރެވެނީ ކިހާ ވަރެއްކަން އެނގޭނެ މެކޭނިޒަމެއް ނުވަތަ ނިޒާމެއް ރާއްޖެއަކު ނެތެވެ.

“ނަވާރަ ވަނަ ގަރުނުގެ ފަހުކޮޅު، އަދި 20 ވަނަ ގަރުނުގެ ކުރީކޮޅުގައި ފަލަސްތީނުން ބިން ވިއްކީ.  އެންމެ ގިނައިން އެ ގައުމުން ބިން ގަން މީހުންނަކީ އިޒްރޭލުން. ކޮބައިތޯ ނަތީޖާ؟ 1948 އަށް ވަނަ އަހަރު ފަލަސްތީނަށް ކިހިނެއްތޯ ވީ؟ ކޮބައިތޯ ފަލަސްތީން؟ އިޒްރޭލް މިހާރު އޮތީ. ފަލަސްތީނެއް މިހާރު ނެތް،” އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.