
ރާއްޖޭގެ މިނިވަން ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން އޭދަފށީގައި މިއަދު ހަވީރު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ސަރުކާރު އޮފީސްތަކާއި ކުންފުނި އަދި ކުލަބް ޖަމިއްޔާތައް ގުޅިގެން މިއަދު ހަވީރު 4:30 ހާއިރު ރަސްމީ ފާލަން ކައިރިން ފެށި މި ހިނގާލުން ކުރިއަށް ގެންދިޔައީ ބަނދަރު ސަރަހައްދުން ހުޅަގަށް ގޮސް ހިއްކި ސަރަހައްދު ވަށައިގެންނެވެ. ހިނގާލުން ނިންމާލީ ސްޓޭޖް ސަރަހައްދަށެވެ.
ގައުމީ ހެދުމުގައި، ގައުމީ އަދި މިނިވަން 25 ލޯގޯ ޖެހި ދިިދަ ހިފައިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ސްކޫލު ކުދިންނާއި ސަރުކާރު އޮފީސް/ކުންފުނި ތަކުގެ މުވައްޒަފުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ އާއްމުންވެސް ބައިވެރިވި އެވެ.

ހިނގާލުން ކުރިއަށްދިޔަ އިރު ބައެއް ސަރަހައްދުތަކަށް މަޑުކޮށް ސަގާފީ އައިޓަމުތައް ހުށަހަޅައިދިނެވެ. އަދި ހިނގާލުން ނިންމާލުމުގެ ގޮތުން ސްޓޭޖް ސަރަހައްދުގައި ގައުމީ ވަންތަ ސަގާފީ އައިޓަމްތަކެއްވެސް ހުށަހަޅައިދިނެވެ. މި އިވެންޓް ނިންމާލީ ގައުމި ދުވަހާ ގުޅުވައިގެން ކުރި ޚާއްސަ ދުއާއަކުންނެވެ.

މިނިވަން ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުން މާދަމާރޭ ޚާއްސަ ސްޓޭޖް ޝޯއެއް ވެސް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ހުކުރު ދުވަހުގެ ރޭ ވެސް ހާއްސަ ސްޓޭޖް ހަރަކާތްތަކެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިނިވަން 50 އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭދަފުށީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ މިރަށޫގެ ބޭރު ތޮއްޓާއި ބަނދަރުމަތީގެ އިތުރުން ސަރުކާރު އޮފީސް / ކުންފުނިތަކުގެ އިމާރާތްތައް ކުލަ ބޮކިން ދިއްލައި ޖަރީކޮށްފައިވާ ތަނެވެ.
