މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓަކާ އެކު މިއަތޮޅު ދޮންފަނުން ބުދަ ދުވަހު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި 25 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ އޭނާ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދޮންފަނު ބަނދަރުމަތިން އިއްޔެ ހެނދުނު އޭނާ ހުއްޓުވައި ޗެކް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.
އެ މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއެކު މިދިޔަ މަހު ތުޅާދޫންވެސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ކުރީމަހު މިއަތޮޅު ދަރަވަންދޫ އިން ޑިންގީއެއްގައި އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކުވެސް ފުލުހުންވަނީ އަތުލައިގެންފަ އެވެ.