ރޯޔަލް އައިލެންޑް ރިސޯޓް ވިއްކާލަނީ

ރޯޔަލް އައިލެންޑް
ރޯޔަލް އައިލެންޑް

 

ނޯޓް: މިއީ 17 އޯގަސްޓް 2015 ގައި އަވަސްގައި ޝާއިއުކޮށްފައިވާ ހަބަރެކެވެ.

މާލީ އެކި މައްސަލަތައް ދިމާވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ، ވިލާ ކުންފުނީގެ ރޯޔަލް އައިލެންޑް ރިސޯޓް ވިއްކާލަން އުޅޭކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ، މިދިޔަ ހަފްތާގައި އުމުރާވެ ވަޑައިގަތުމަށް ގާސިމް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަހުމަތްތެރިޔަކާ ބައްދަލު ކުރައްވައި ރިސޯޓެއް ގަންނަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ގާސިމް ދެންނެވި ކަމަށް އޭނާގެ ފޭސްބުކްގައި ހާމަ ކުރުމުންނެވެ. އަދި ގާސިމް ވިއްކާލަން އެދިވަޑައިގަތް ރިސޯޓްގެ ފޮޓޯތަކެއް ކަމަށް ބުނެ އޭނާ ވަނީ، ބ. އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑްގެ ފޮޓޯތަކެއް ވެސް ލައިފަ އެވެ. އެ ރިސޯޓް ވިއްކާލަން މަސައްކަތް ކުރައްވާ ކަމަށް ވިލާގެ ބައެއް މަސްދަރުތަކުން ވެސް އަވަސް އަށް ބުންޏެވެ.

މަދީނާ އިސްލާމިކް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ، މުހައްމަދު އަލް ތުބިޔާން ވަނީ ގާސިމާ އެކު ބައްދަލު ކުރައްވާ ފޮޓޯތައް ވެސް ފޭސްބުކަށް ލާފަ އެވެ. އެ ބައްދަލުވުމުގެ މައުލޫމާތު އެނގި ހުރި ފަރާތަކުން، “އަވަސް” އަށް މިއަދު ބުނި ގޮތުގައި ގާސިމް އޭނާއާ ބައްދަލު ކުރެއްވީ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެންބަރު ޝެއިހު އިލްޔާސް ހުސެއިންއާ އެކު އެވެ. އަދި ގާސިމް މަސައްކަތް ކުރައްވަނީ ސައުދީ އަރަބިއްޔާ ނޫނީ މެދުއިރުމަތީގެ އިންވެސްޓަރެއް އެ ރަށް ގަތުމަށް ހޯދުމަށެވެ.

އެ ރަށް ވިއްކާލާކަން ހާމަވިއުރު، ގާސިމްގެ ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް މުސާރަ އާއި ސާވިސް ޗާޖް ނުދޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްލައިފަ އެވެ. އެގޮތަށް ހަދަން ޖެހުނީ ކުންފުނި މާލީ ގޮތުން ދަތިވެގެން ކަމަށް ބުނެފައިވެ އެވެ.

ގާސިމް އޭނާގެ ސައުދީ ރަހުމަތްތެރިޔާއާ އެކު.
ގާސިމް އޭނާގެ ސައުދީ ރަހުމަތްތެރިޔާއާ އެކު.

ވިލާ ކުންފުނީގެ އެކި މަސްދަރުތަކުން ވެސް، “އަވަސް” އަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް އަންނަނީ 150 ކޮޓަރީގެ ރޯޔަލް ރިސޯޓް ވިއްކާލަން މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު އެ ރަށް އެއްކޮށް ވިއްކާލަނީ ކަމެއް ނޫނީ މެނޭޖްމަންޓް ކުންފުންޏެއް ހޯދަނީކަން ކަށަވަރެއް ނުވެ އެވެ.

އެކަމުގައި ވިލާގެ ބަހެއް ވެސް އަދި ގާސިމްގެ ބަހެއް ވެސް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އެކި އިންވެސްޓްމަންޓްތައް ކުރުމަށް ގާސިމް ނަންގަވާފައި ހުންނެވި ރަށްތަކުން ދައުލަތަށް ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން 100 މިލިއަނެއްހާ ޑޮލަރު ދައްކަން ވިލާ ކުންފުންޏަށް މީރާ އިން އެންގުމާ އެކު އެ ކުންފުނިން ވަނީ އެކަމާ ދެކޮޅު ހަދާ ކުންފުނި ބަގްރޫޓްވެފައިވާކަން އިއުލާންކޮށްފަ އެވެ. އަދި ގާސިމް ވަނީ މަހެއްހާ ދުވަހު ރާއްޖެއަށް ވަޑައި ނުގެން ހުންނަވައިފަ އެވެ. ނަމަވެސް އެންމެ ފަހުން ރާއްޖެ ވަޑައިގަތީ އެ ފައިސާ ދެއްކުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހުގަ އެވެ. އަދި ސިޔާސީ މައިދާނުން ވެސް ދުރަށް ދިޔުމަށް ގާސިމް ވަނީ ނިންމަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.