ދަރިވަރުންގެ ގައުމީ މަހާސިންތާއިން ތިމާވެށި ހިމާޔަތް ކުރާނެ އުސޫލުތަކެއް ކަނޑައަޅަނީ

މަހާސިންތާގައި ބައިވެރިވާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރުން
މަހާސިންތާގައި ބައިވެރިވާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރުން

 

ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ބެހޭ ގޮތުން ސްކޫލު ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ސްކޫލުތަކެއް ބައިވެރިވާ “ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ” މިއަދު މާލޭގައި ފަށައިފިއެވެ.

މާލޭގެ 17 ސްކޫލަކާ އަތޮޅުތަކުން 24 ސްކޫލުން 205 ދަރިވަރުން ބައިވެރިވާ، ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ފަސް ދަރިވަރުންނާއި މުދައްރިސަކު ބައިވެރިވެއެވެ. އެ ކުދިން ހުށަހަޅާ ކަރުދާހުގެ މައުލޫއަކީ ‘ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތް’ އެވެ.

މި މަހާސިންތާގައި ދަރިވަރުންގެ ހުށަހެޅުންތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވާ ހަތަރު ދާއިރާ އަކީ ވޭސްޓް މެނޭޖްމަންޓް (ކުނި ނައްތާލުން)، ބަޔޯޑައިވަރސިޓީ (ދިރޭތަކެތި)، އިނޮވޭޝަން އެންޑް ގްރީން ޓެކްނޮލޮޖީ (އާ އީޖާދުތަކާއި ތިމާވެއްޓާ ރައްޓެހި “ފެހި” ޓެކްނޮލޮޖީ) އަދި ކޯސްޓަލް މެނޭޖްމަންޓް (ގޮނޑުދޮށްތައް ހިމާޔަތް ކުރުން) އެވެ.

ކޮންމެ ސްކޫލަކުން ވެސް އެ ސްކޫލެއް ނިސްބަތްވާ ރަށް ނުވަތަ އަތޮޅަށް ތިމާވެށީގެ ގޮތުން ދިމާވެފައިވާ މައްސަލަތަކާއި އެ ކަންކަން ހައްލުކުރަން ކުރާ މަސައްކަތްތައް ބަޔާންކުރާ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރެޒެންޓޭޝަންތައް ތިމާވެށީގެ މާހިރުން ހިމެނޭ ޕެނަލަކުން ޖަޖު ކުރުމަށްފަހު، އެ މައްސަލަތަކާއި ގުޅިގެން ސްކޫލު ފެންވަރުގައި ހިންގިދާނެ ކަންކަން ހިމެނޭ ގައިޑްލައިނެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.

ދަރުބާރުގޭގައި މާދަމާ ނިމޭނެ މި މަހާސިންތާ އަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ތައުލީމާ ބެހޭ މިނިސްޓްރީގެ އިތުރުން ސެންޓަ ފޯ ހަޔަ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގުޅިގެން ބާއްވާ މަހާސިންތާއެކެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ބަންޑާރަ ނައިބު އަލްއުސްތާޒް މުހައްމަދު އަނިލް ވިދާޅުވީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި ސްކޫލުތަކުގައި ކިޔަވާކުދިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ލިބޭ ފިލާވަޅުތަކާއި އެކު ތިމާވެށި ރައްކާތެރިކުރުމަށް އަމަލީ ގޮތުން ނެރެވިދާނެ ފައިދާ އިތުރު ކުރަން މަސައްކަތް ކުރުމަށް ވެސް އަނިލް ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައި ކަމަށް ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގައި މިއަދު ރިޕޯޓް ކޮށްފައިވެއެވެ.

އަނިލް ވިދާޅުވީ ގާނޫނު އަސާސީން ދިވެހި އެންމެހާ ރައްޔިތުންނަށް ދުޅަހެޔޮ ވެއްޓެއްގައި ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށްދީފައި ވާއިރު، ހައްގުތަކާއި އެކު ޒިންމާތަކެއް ވެސް މަތިކޮށްފައިވާ ކަމަށެވެ.

“މި ހައްގުތަކާއެކު ދައުލަތުގެ މައްޗަށް، އަޅުގަނޑުމެންގެ މައްޗަށް ޒިންމާތަކެއް ވެސް ވަނީ މަތިކޮށްފައި. އަންނަން އޮތް ޖީލުތަކަށް ވެށި ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަކީ ފަރުދީ ޒިންމާއެއް،” އަނިލް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ތިމާވެށީގެ ގައުމީ ފުރަތަމަ މަހާސިންތާ ވެގެންދާނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުވެގެންދާ ވަރަށް އަގުހުރި މަހާސިންތާއަކަށް ކަމަށެވެ.

“މި މަހާސިންތާ ނިމިގެންދާއިރު ސްކޫލްތަކުގެ ދަރިވަރުންނަކީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އިސްނަގައިގެން މަސައްކަތްކުރާނެ ހީވާގި ދަރިވަރުންގެ ގޮތުގައި މުޖްތަމައަށް ނުކުމެ މުހިއްމު ދައުރެއް އަދާކުރާނެ ކުއްޖަކަށް ވެގެންދާނެކަމީ ޔަގީންކަމެއް،” މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ މައިގަނޑު އަސާސަކީ މި ޖީލުގެ އަމަލުތަކުން އަންނަން އޮތް ޖީލުތަކަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެ ގޮތަކަށް ކަންތައްތައް ކުރުން ކަމަށެވެ. އަދި ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމަކީ މިއަދުގެ ކުޑަކުދިންގެ މުސްތަގުބަލަށް އެޅޭ ހުރަހެއްކަން ހުރިހާ ކުދިން ވެސް ދަނެ، ތިމާވެއްޓާމެދު ސަމާލުވާން ޖެހޭ ކަމަށެވެ.

“މިއަދު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރެވޭނީ ތިޔަ ދަރިވަރުން އިސްނަގައިގެން ގޭތެރެއިންނާއި ދިރިއުޅޭ މާހައުލުން މަސައްކަތްތަކެއް ފަށައިގެން,” ތާރިގް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.