މީރާއިން އޭދަފުށީގައި ހުޅުވާ ކަލެކްޝަން ސެންޓަރަށް މުވައްޒަފުން ހޯދަނީ

mira

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބ. އޭދަފުށީގައި ހުޅުވުމަށް ހަމަޖެހިފައިވާ މީރާގެ އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފި އެވެ.

މީރާއިންް ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޭދަފުށީގައި އެ އޮތޯރިޓީގެ ކަލެކްޝަން ސެންޓަރެއް ސެޕްޓެމްބަރުމަހު ހުޅުވުމަށް ހަމަޖެހިފައިވާތީ އެ އޮފީހަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވަނީ ސީނިއާ އޮފިސަރު އަދި އެސިސްޓެންޓް ސީނިއާ އޮފިސަރުގެ މަގާމަށެވެ.

މި ވަޒީފާތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 3 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މީރާއިން ބުނީ އޭދަފުށީގައި ހުޅުވާ އޮފީހުން ވެސް ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަނެ ފައިސާ ބަލައިގަތުން ފަދަ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.

އަދި މާލޭގައި ހުންނަ ހެޑް އޮފީހުން ލިބޭ މައިގަނޑު ހުރިހާ ހިދުމަތްތަކެއް އަތޮޅު ތެރޭގައި ހުޅުވާ މީރާގެ އޮފީސްތަކުން ލިބޭނެ ކަމަށް އެތަނުން ބުނެއެވެ. މީގެ އިތުރުން އާއްމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ތަމްރީން ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގާނެކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން އަންނަނީ އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައިވެސް މީރާގެ ކަލެކްޝަން ސެންޓަރުތައް ހުޅުވަން ތައްޔާރުވަމުންނެވެ. މީރާގެ އޮފީސްތައް އަތޮޅު ތެރޭގައި މިހާތަނަށް ހުޅުވާފައިވަނީ ހދ. ކުޅުދުއްފުށީގަ އާއި އައްޑު އަތޮޅުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.