
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މަތީ ތައުލީމަށް ޝައުގުވެރިވެ، އެހެންނަމަވެސް އެ ފުރުޞަތު ނުލިބި ތިބި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން 2013 ވަނަ އަހަރު މަންދު ކޮލެޖުން ފެށި ވަރޗުއަލް ކެމްޕަހަށް 2 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
މި ހަފްލާ ބާއްވާފައިވަނީ ޔޫ.އައި.ޕްލޯޓިންގް ވިލާގައި އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
މަންދު ކޮލެޖަކީ، ދިވެހިރާއްޖޭގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ކޮލެޖް އަދި މި ޚިދުމަތްދޭ ހަމައެކަނި ކޮލެޖްވެސްމެއެވެ. އުރީދޫގެ ޕާޓްނަޝިޕް މި ޕްރޮގްރާމަކީ އުރީދޫގެ 3G ލިބޭ ކޮންމެ ރަށެއްގައި ތިބި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ހުރިހާ ކޯސްތަކެއްގައިވެސް ބައިވެރިވެވޭ ޕްރޮގްރާމެކެވެ.
މަންދު ކޮލެޖުގެ މި ޚިދުމަތުގެ ޒަރީއާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުން، އެ ދަރިވަރުން ދިރިއުޅޭ ރަށެއްގައި ތިއްބާ، އެއް ކްލާސްރޫމެއްގެ ތެރެއަށް ގެނެސްދެއެވެ. އަދި ކްލާސް ހިނގަމުންދާ ވަގުތު، އެކަކު އަނެކަކާ، އިންޓަނެޓް މެދުވެރިނުކޮށް ރިއަލް ޓައިމްކޮށް މުއާމަލާތް ކުރެވޭނެ މަގު ތަނަވަސްކޮށްދެ އެވެ. މި ވަސީލަތް ޤާއިމު ކޮށްފައިވަނީ، އުނގަންނައިދިނުމާއި އުނގެނުމުގެ ފެންވަރަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނާނޭ ގޮތުގެ މަތީންނެވެ.
މަންދު ކޮލެޖުން މިއަދު ވަރޗުއަލް ކެމްޕަހަށް ދެ އަހަރު ފުރުން ފާހަގަ ކުރާއިރު، މި ކޮލެޖުންވަނީ ދެ އަހަރުގެ ތެރޭގައި 20 އަތޮޅުގެ 180 އަށްވުރެ ގިނަ ރަށުގައިތިބި 1500 އަށްވުރެ ގިނަ ދަރިވަރުންނަށް މި ޚިދުމަތް ފޯރުކޮށްދީފަ އެވެ. ރާއްޖޭގެ މަތީ ތަޢުލީމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމުގެ ޝަރަފާއިއެކު، ގިނަ ދަރިވަރުންތަކެއްގެ އިތުބާރު ލިބިފައިވާ މަންދު ކޮލެޖުން މިއަދު މިވަނީ މަތީ ތަޢުލީމު ހޯދުމަށް އެދޭ ފަރާތްތަކަށް ހުރި ގިނަ އުނދަގޫތަކެއް ފިލުވައިދީފައެވެ.

“މިގޮތުން ރަށުގައި ތިބެ، އާއިލާއާ ރަހްމަތްތެރިންނާއެކު ވަޒީފާގެ ޒިންމާތައް އަދާކުރަމުން މަތީ ތަޢުލީމު ހާޞިލުކުރެވޭނޭ މަގުވަނީ ފަހިވެފައެވެ. އަދި މި ޚިދުމަތް މަންދު ކޮލެޖުންވަނީ ކާމިޔާބުކަމާއެކު ދެ އަހަރު ތެރޭ ފުޅާކޮށްފައެވެ. 9 އަހަރުގެ ދިގު މުއްދަތެއްގައި ދިރާސާކުރެވިގެން ފަރުމާކުރެވިފައި މި ޚިދުމަތަށް ދެ އަހަރު ފުރުން ފާހަގަކުރާއިރު، މި ޚިދުމަތް ބޭނުންކޮށްގެން ކިޔަވައިދެއްވި ޓީޗަރުންވަނީ މި ޚިދުމަތް މެދުވެރިކޮށް އުނގަންނައިދިނުމުގެ އުސޫލުތަކާއި، ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި މި ޚިދުމަތް ބޭނުންކޮށްގެން ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުން ފާހަގަކުރާ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން އެއް ކުލާސްރޫމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ، އެ ދަރިވަރުންނަށް ޢިލްމް، ހުނަރު އަދި ތަޖުރިބާ ހިއްސާކުރެވޭނެ މަގުފަހިވެ އެ ދަރިވަރުންގެ ވިސްނުން ފުޅާވެގެންދިއުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ،”
ދެ އަހަރު ދުވަހުގެ ތެރޭގައި މަންދު ކޮލެޖުންވަނީ ދިވެހިރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގައިވެސް ދަރިވަރުންނަށް ވަރޗުއަލް ޚިދުމަތް މެދުވެރިކޮށް ބައިވެރިވެވޭނެ މަގުފަހިކޮށްދީ، މީގެ ސަބަބުން ދަރިވަރުންގެ ފިކުރާއި ވިސްނުން ފުޅާވުމަށް އިތުރު ފުރުޞަތުތަކެއް ހޯދައިދީފައެވެ. ހަމަ މިއާއެކު، މި ޚިދުމަތް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުގެ ފަންނީ މާހިރުން މެދުވެރިކޮށް މަންދު ކޮލެޖުގެ ކޯސްތަކުގައި ކިޔަވައިދިނުމަކީ މި ޚިދުމަތަށާއި ދަރިވަރުންނަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
މަންދު ކޮލެޖުން ބުނިގޮތުގައި އެ ކޮލެޖުގެ އަމާޒަކީ މި ޚިދުމަތުގެ ސަބަބުން މަތީ ތަޢުލީމު ހޯދުމަށްހުރި ގޮންޖެހުންތައް ފިލުވައިދީ، ހަމަމިއާއެކު، ދަރިވަރުން ޝައުގުވެރިވާ ތަފާތު ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު އެ ދަރިވަރެއްގެ ރަށުން ފޯރުކޮށްދީ، 21 ވަނަ ގަރުނަށް އެކަށޭނަ އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލެއްގެ ތެރެއިން ދަރިވަރުންނަށް މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމުވެ. މަންދު ކޮލެޖާއި އޫރިދޫގެ ޢަޒުމަކީ، ކުރިއަށް އޮތް ތަނުގައިވެސް، ވަރޗުއަލް ކެމްޕަސްގެ ޒަރީޢާއިން ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމާއެކު، ފެންވަރު މަތިކުރުމެވެ.