މަސައްކަތްތެރިކަމުގެ މައުރަޒުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

މަސައްކަތްތެރިކަމުގެ ގައުމީ މައުރަޒުގެ ރަސްމީ ޓެލެކޮމް ޕާޓްނަރަކަށް ހަމަޖައްސާފައިވާ ދިރާގު މާކެޓިން ޑައިރެކްޓަރު އަހުމަދު މައުމޫން (ކ) އަދި އިކޮނޮމިކް މިނިސްޓަރުގެ ނައިބު އަބްދުﷲ މުހައްމަދު އެއްބަސްވުން ދައްކާލައްވަނީ
މަސައްކަތްތެރިކަމުގެ ގައުމީ މައުރަޒުގެ ރަސްމީ ޓެލެކޮމް ޕާޓްނަރަކަށް ހަމަޖައްސާފައިވާ ދިރާގު މާކެޓިން ޑައިރެކްޓަރު އަހުމަދު މައުމޫން (ކ) އަދި އިކޮނޮމިކް މިނިސްޓަރުގެ ނައިބު އަބްދުﷲ މުހައްމަދު އެއްބަސްވުން ދައްކާލައްވަނީ

މާދަމާ ރޭ ފަށާ މަސައްކަތްތެރިކަމުގެ ގައުމީ މައުރަޒު، އެކްސްޕޯ މޯލްޑިވްސްގެ، ރަސްމީ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބު އަދި އެކްސްޕޯގެ ޗެއާމަން އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުނި މައުރަޒުގެ ރަސްމީ ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މައުރަޒު ހިނގަމުންދާ ސަރަހައްދު ދިރާގުގެ އެހީގައި ވައިފައިކޮށްދެ އެވެ. އަދި އެއީ މައުރަޒުގައި ބަހައްޓާ އުފެއްދުންތަކާއި މައުރަޒާ ބެހޭ މައުލޫމާތު ސޯޝަލް މީޑިޔާ މެދުވެރިކޮށް ފެތުރެން ހުޅުުވުނު މަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕާޓްނާޝިޕާ ބެހޭ ގޮތުން ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް، އިމްޖާދް ޖަލީލް ވިދާޅުވީ މިފަދަ ގައުމީ ހަރަކާތްތަކަށް ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ވެދީ، ބައިވެރިވުމަކީ ދިރާގުން އަބަދުވެސް އިސްކަންދީގެން ކުރާ ކަމެއް ކަމަށެވެ.

“އެގޮތުން މި އެކްސްޕޯގައި ބައިވެރިވުމަކީ ވެސް ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،” އޭނާ ވިދާޅުވި އެވެ.

“އެކްސްޕޯ މޯލްޑިވްސް 2015” ގެ ނަމުގައި ބާއްވާ މައުރަޒުގައި ރާއްޖޭގެ މަސައްކަތްތެރިންގެ އުފެއްދުންތަކުގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި ދިވެހިން ކޮށް އުޅޭ ބައެއް މަސައްކަތްތައް ވަގުތުން ދައްކާލާ ސްޓޯލްތައް ހިމެނެ އެވެ.

މިއީ ގައުމީ ފެންވަރުގައި ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒު ކުރިޔަށް ދާނީ މާދަމާ ރެއިން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.