ދިރާގުން އިމާދުއްދީން ސްކޫލަށް 10،000 ރުފިޔާ ހަދިޔާކޮށްފި

ދިރާގުގެ ފަރާތުން ފައިސާގެ އިނާމު ހަވާލުކޮށްދެނީ.--ފޮޓޯ: ދިރާގު
ދިރާގުގެ ފަރާތުން ފައިސާގެ އިނާމު ހަވާލުކޮށްދެނީ.–ފޮޓޯ: ދިރާގު

އޯޓިޒަމް އެވެއަރނަސް މަހާއި ދިމާކޮށް ދިރާގުން ޑީޓިއުން ބޭންޑާއި ގުޅިގެން އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރަށް ދިހަ ހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

ދިރާގުން މި ފައިސާ ހަދިޔާކޮށްފައި ވަނީ ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ ޑީޓިއުން ބޭންޑުން ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން ނެރިފައިވާ ހާއްސަ ލަވަ ދިރާގުގެ ޕޭޖުގައި ޝެއަރ ކުރުމާއިއެކު 1000 ‘ލައިކްސް’ ހަމަވުމާ ގުޅިގެންނެވެ.

1000 ‘ލައިކްސް’ ގެ ނަމުން ކުރިޔަށްދާ މި ކެމްޕޭނަކީ އެޕްރިލް މަހުގެެ ތެރޭގައި، އޯޓިޒަމްއަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ދިރާގުގެ ސޯޝަލް މީޑިޔާ ޗެނަލް ބޭނުންކޮށްގެން ހިންގުނު ހާއްސަ ހަރަކާތެއް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އެގޮތުން ދިހަ ހާސް ރުފިޔާގެ ފައިސާގެ ވައުޗަރު ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ޑިޓިއުން ބޭންޑުގެ ފަރާތުން ވަނީ އިމާދުއްދީން ސްކޫލާއި ހަވާލުކޮށްފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ، ޒުވާނުން އިސްނަގައިގެން ކުރާ މިފަދަ ކަންކަމުގައި ދިރާގުން އަބަދުވެސް ބައިވެރިވެ އެހީވާން ތައްޔާރު ކަމަށާއި ކުޑަކުދިން ރައްކާތެރި ކުރުމާއި އެކުދިންނަށް އެހީތެރިވުމަކީ އެކުންފުނިން އިޖްތިމާޢީ ޒިންމާގެ ދަށުން އަބަދުވެސް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެއް ކަމަށެެވެ.

އެގޮތުން އޯޓިޒަމް ހުންނަ ކުދިންނާއި ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގައި ޑީޓިއުން ފަދަ ޒުވާން ފަންނާނުން ތަކަކާއިއެކު ހިންގުނު މި ހަރަކާތުގައި ބައިވެރިވެވުމަކީ ދިރާގަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް އިމްޖާދް ފާހަގަކުރެއްވިއެވެ.
ޑިޓިއުން ބޭންޑްގެ ފަރާތުން ވާހަކަ ދައްކަމުން ބޭންޑްގެ މެމްބަރު ފާތުމަތު ފެޒްލީން (ފެޒޫ) ބުނީ، ޑިޓިއުން ބޭންޑަށް މި ފުރުސަތު ދެއްވީތީ އިމާދުއްދީންގެ ޖުވެލް ސެންޓަރަށް ވަރަށް ހާއްސަ ޝުކުރެއް މުޅި ބޭންޑްގެ ނަމުގައި ރައްދުވާ ކަމަށާއި އެފަރާތުން ކުރާ މަސައްކަތުގެ ތެރެއިން، މިފަދަ ކަންކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުން އެފަރާތުން ބޭނުންވާ ކަމަށެވެ.

އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގެ ލީޑިން ޓީޗަރ ފައުޒިއްޔާ މުހަންމަދު ވިދާޅުވީ ޒުވާން ކުދިންކޮޅެއް އިސްނަންގަވައިގެން މިފަދަ ކަމެއް ކުރެއްވީތީ ވަރަށް އުފާކުރާ ކަމަށާއި މި ފައިސާ އަކީ އެ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނާއި، ޓީޗަރުންގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކަށް ހަރަދުކުރެވިގެންދާނެ ފައިސާ ކަމަށެވެ، އަދި މި ލަވައިގެ ސަބަބުން މުޖުތަމައުއަށް ދޭން ބޭނުންވި މެސެޖު ވަރަށް ރަނގަޅަށް ދެވިއްޖެކަމަށް ފައުޒިއްޔާ ވިދާޅުވިއެވެ.

އިމާދުއްދީންގެ ޖުވެލް ސެންޓަރަކީ 2004 ވަނަ އަހަރުން ފެށިގެން އެސްކޫލުގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ހާއްސަ ޔުނިޓެވެ. އަދި އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެންމެ ބޮޑު އާބާދީއެއް ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.