ދިރާގުން މިދިޔަ އަހަރުގެ ފަހު ޑިވިޑެންޑްގައި ހިއްސާއަކަށް 9.53 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ނިންމައިފިއެވެ.
މިރޭ ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާ ބަހަން ނިންމި އަގު ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 75 އިންސައްތަ މީހުންގެ ރުހުމާއެކުއެވެ.
ދިރާގުން ކޮންމެ އަހަރަކު ދެ ފަހަރު ހިއްސާ ބަހާއިރު މިދިޔަ އަހަރުގެ ފަހު ޑިވިޑެންޑްގައި އެކުންފުނިން ބަހަން ނިންމާފައިވަނީ ޖުމްލަ 356440000 (3.56 މިލިއަން) ރުފިޔާއެވެ. އަދި ފުރަތަމަ ޑިވިޑެންޑުގައި ހިއްސާއަކަށް 4.84 ރުފިޔާ ބަހާފައިވާއިރު ހިއްސާއަކަށް ޖުމްލަ 9.53 ރުފިޔާ ވަނީ ބަހާފައެވެ.
މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާއިރު 2014 ވަނަ އަހަރު ލިބިފައިވަނީ 701 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން އެކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ 2.3 ބިލިއަނަށް އަރާފައިވާއިރު 2014 ވަނަ އަހަރު ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ.