އުރީދޫ އަތޮޅު ދުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި

އުރީދޫ އަތޮޅު ދުވުމުގައި ބ. އަތޮޅު ތަމްސީލުކުރި އިމާދު ދުވަނީ– އީޓީ ފޮޓޯ

ރާއްޖޭގައި އެންމެ ފުރަތަމަ ވާޗުއަލް ދުވުން، “އުރީދޫ އަތޮޅު ދުވުން” ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އުރީދޫން ބުނ ގޮތުގައި މިދިޔަ މަހުގެ 28 އިން 31 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި، ރާއްޖޭގެ ހުރިހާ އަތޮޅުންނާއި ރާއްޖެއިން ބޭރުން 5800 ދުވުންތެރިން ބައިވެރިވި އެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ މި ރަން އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.

“އަތޮޅު ދުވުމަކީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރަން. މި ރަންއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު. މި ފަދަ ދަނޑިވަޅެއްގައި، އެއްތަނެއްގައި ނުތިބިކަމުގައިވިޔަސް އެއްއިވެންޓެއްގައި އެކި ހިސާބުތަކުން މީހުން ބައިވެރިވެ، އެ އެއްބައިވަންތަކަން ފެނިގެންދިޔުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހަމައެއާއިއެކު މި ރަން ގައި ބައިވެރިވުމަށްޓަކައި އެތައްބަޔަކު ތައްޔާރުވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލް ކުރާތަންފެނިގެން ދިޔަ. މިއީވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މަންޒަރަކަށްވެގެންދިޔަ.” އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވި އެވެ.

މި ދުވުމަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރުކަމާ އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދައިދިނުމުގެ ގޮތުން އުރީދޫން ބޭއްވި ދުވުމެކެވެ.

“މި ރަންއަކީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ވަރޗުއަލް ރަންއަށްވެފައި، ރާއްޖޭގެ އެކި ހިސާބުތަކުންވެސް ދުވުމުގައި ބައިވެރިވެ ފުރިހަމަކުރި ފުރަތަމަ ރަންއަށް ވުމުން، އަތޮޅު ދުވުމުގެ ރަން ޑައިރެކްޓަރކަން ކުރަން ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރަންއަށް ލިބުނު ބޮޑު ކާމިޔާބީ އާއި ތަރުހީބުން، ދުވުމަށް އަދި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އުފެދިފައިވާ ޝައުގުވެރިކަން ފެނިގެންދިޔަ. މިއީ އަޅުގަނޑަށް ވަރަށް އުފާވެރި މަންޒަރެއް. މި ދުވުމުގައި ބައިވެރިވި ބައެއް ދުވުންތެރިން އަލަށް 5 ކިލޯމީޓަރު ފުރިހަމަކޮށްފައިވެސް އެބަހުރި. މި ފަދަ މަންޒަރުތަކަކީ ދުވުން ކުރިއަރުވަން އަޅުގަނޑަށް ލިބޭ ހިތްވަރެއް އަދި އެހެން ދުވުންތެރިންނާއި ދުވަން ބޭނުންވާ ފަރާތްތަކަށްވެސް ލިބޭނެ ހިތްވަރެއްކަން ޔަގީން.” އަތޮޅުދުވުމުގެ ރަން ޑައިރެކްޓަރ، ހުސެން ޝުޖާއު ވިދާޅުވިއެވެ.

28އުރީދޫން ވަނީ މި ދުވުމުގެ ސްޕޮންސަރުންނާ ގުޅިގެން ބައިވެރިންނަށް ހާއްސަ އިނާމްތަކެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން މެޑަލް ޕޯޓަލަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރުމުން “ހެބިޓަސް ފްރެޝް” ގެ ފަރާތުން ދޭ 100ރ ގެ ވައުޗަރެއް 100 ދުވުންތެރިއަކަށް ލިބޭނެ އެވެ. އަދި ދުވުން ނިމުމުން ލިބޭ ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި ފަސް މީހަކަށް “ދަ މެރަތަން ޝޮޕް”ގެ ފަރާތުން 1000ރ. ގެ ވައުޗަރެއް ލިބޭއިރު އިތުރުން ތިން ނަސީބުވެރިންނަށް “މެޑްމެކްސް”ގެ ފަރާތުން ދެ މީހުންގެ ކެއުމެއް ލިބޭނެ އެވެ.

މި އިނާމު ތަކުގެ ނަސީބުވެރިންގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާނު ކުރެވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

5 ކިލޯމީޓަރުގެ ދުވުމުގެ އިތުރުން، 20 އަތޮޅުން 20 ދުވުންތެރިންނާއިއެކު 15 ކިލޯމީޓަރުގެ ވަރޗުއަލް ރިލޭއެއްވެސް ވަނީ އުރީދޫ އަތޮޅުދުވުމުގައި ފުރިހަމަކޮށްފައެވެ. މި ވަރޗުއަލް ރިލޭ ބޭއްވުނީ، އުރީދޫ މޯލްޑިވްސްއިން ދިވެހިންނާއިއެކު ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލަދިނުމަށް ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއްގެ ގޮތުންނެވެ. މި 15 ކިލޯމީޓަރުގެ ރިލޭއަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ވަރޗުއަލް ރިލޭވެސްމެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.