ޝާފީ ސުޕަ ޔުނައިޓެޑަށް ސޮއިކޮށްފި

ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ) ފޮޓޯ/މިހާރު އޮންލައިން

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ) މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފި އެވެ.

ޝާފީގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވެސް ވަނީ ސަސް އަށް ސޮއިކޮށްފަ އެވެ. އަދި ކުރިން ޓީސީ އާއި ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ޒުވާން ކުޅުންތެރިޔާ އަހުމަދު އައިހަމް ސަސް އަށް ސޮއިކުރިއިރު، ސަސް އަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަހުމަދު ފަރުހާން (ގައްބެ) ވެސް ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ބ. އޭދަފުއްޓަށް އުފަން ޝާފީ މިދިޔަ ސީޒަނުގައި ފެނުނީ ޔުނައިޓެޑް ވިކްޓްރީ އިންނެވެ. 2008 ވަނަ އަހަރު ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ތައާރަފް ވުމަށްފަހު ޝާފީ 2010 ވަނަ އަހަރު ބަދަލުވީ ވިކްޓްރީ ސްޕޯޓްސް ކްލަބަށެވެ. ވިކްޓްރީގައި ކުޅުމަށް ފަހު 2013 ވަނަ އަހަރު މާޒިޔާއިން ފެނުނުއިރު 2014 އަދި 2015 ވަނަ އަހަރު ކުޅުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. 2016 ވަނަ އަހަރު އެނބުރި ވެލެންސިއާ އަށް ބަދަލުވެ 2017 ވަނަ އަހަރު ޝާފީ ވަނީ ލޯނު އުސޫލުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވުމުގެ ކުރިން 2018 ވަނަ އަހަރުގެ ސީޒަނުގައި ޝާފީ ފެނުނީ ވިކްޓްރީ އިންނެވެ. ޝާފީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ގައުމީ ޓީމުގައި ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.

އާ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު މާޒިޔާ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.