މާޅޮހުގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި

މާޅޮހުގައި ކުރިއަށްދާ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ތެރެއިން

ބ. މާޅޮހުގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް މިއަދު ހަވީރު ފަށައިފިއެވެ.

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ޖަމިއްޔާއިން އިންތިޒާމްކުރާ މި ފުޓްސަލް މުބާރާތަކީ އަންހެނުނަށް ޚާއްސަކޮށްގެން އެރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މާޅޮހަށް އަންހެން ފުޓްސަލް ތައާރަފުކުރި މާރެސް ޖަމިއްޔާއިން ބުނީ މި މުބާރާތަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، މިދިޔަ އޯގަސްޓްމަހު އަންހެނުންނަށާއި 14 އަހަރުން ދަށުން ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ކޯޗިން ކޭމްޕެއްވެސް ބާއްވާފައިވާ ކަމަށެވެ.

މާޅޮހަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު، ރަށުން ބޭރު ކުޅުންތެރިންގެ ތެރޭގައި އޭދަފުށީގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމެނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި ފްލޯރެންސްއެފްސީ އިން ވަނީ 10-1 އިން ވިންގްސް އެފްސީ ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފްލޯރެންސްގެ އައިމިނަތު ފަޒްލާއަށެވެ.

މި މަހުގެ 28ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ސްޕޮންސާ ކޮށްފައިވަނީ ޓްރިޕަލް ސީ ޖިފްޓް އަދި އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުންނެވެ.

މާރެސް އިން ބުނީ މިމުބާރާތް އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލާނެ ކަމަށާއި މުސްތަގުބަލުގައި އަންހެނުންނަށް ފުޓްސަލް އެޑްވާންސް ކޭމްޕެއް ވެސް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.