ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅުވައިގެން އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން އިންޓަ އޮފީސް ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
“ހަށިހެޔޮ އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާ”ގެ ނަމުގައި ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. އެގޮތުން އެކި އޮފީސްތަކުން ކޮމްބައިންކޮށް ޓީމުތައް ހިމެނޭގޮތަށް ފިރިހެން އަށް ޓީމު އަދި އަންހެން ޑިވިޝަންގައި ހަތަރު ޓީމު ވާދަކުރެއެވެ.
މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 26 އިން އަންނަ ޑިސެމްބަރު މަހުގެ 3 ގެ ނިޔަލަށް ފުޓްސަލް ދަނޑުގަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ރިކްރިއޭޝަން ކްލަބުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި، ކުޅިވަރުގެ ރޫހު އާލާ ކުރުމަށާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމާއި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމެވެ.