އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު އެމްވީ ޔުނައިޓެޑާ ވާދަކޮށް ހުސް ސޮނގުން މޮޅުވެއްޖެ އެވެ. އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުން ހުސް ސޮނގުން މޮޅުވީ 2-0 އިންނެވެ.
ފަސް ޓީމު ވާދަކުރާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ވެލާ ސްޕޯޓްސް ކްލަބެވެ. މިއަދުގެ މޮޅާ އެކު ހުސް ސޮނގުން ވަނީ ހަ ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ އެމްވީ ޔުނައިޓެޑެވެ. ހަތަރު ވަނައިގައި އޮތް ބީކޭ ފުޓްބޯޅަ ކްލަބް އަދި ފުލުގައި އޮތް އޭދަފުށީ ވެޓަރަންސް އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ ހުސައިން ހަނާން އެވެ. ދަނޑުގެ އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ގޮސް ކައިރީގައި ހުރި އެމްވީ ޔުނައިޓެޑްގެ ޑިފެންޑަރު ކައިރިން ވަރަށް ރީތިކޮށް ކަޓުވާލުމަށް ފަހު ހަނާން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މި ހާފުގައި އެމްވީ ޔުނައިޓެޑުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާގައި ހައްފާފް ސިދުގީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެ ވަނަ ހާފުގައި މޫސުން ގޯސްވެ މާބޮޑަށް ވިއްސާރަވުމުގެ ސަބަބުން ދެޓީމަށް ވެސް އުނދަގޫތަކެއް ކުރިމަތިވި އެވެ. މި ހާފުގައި އެމްވީ ޔުނައިޓެޑްގެ ސާމީ އިބްރާހީމް ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ހުސް ސޮނގުން ޓީމުގެ އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެމްވީ ޔުނައިޓެޑްގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފަ އެވެ. މެޗުގައި ހުސް ސޮނގުންގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ސައްޓު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ބެންޗުން ކުޅެން އެރި ހަމްދާން އަބްދުއްސައްތާރު އެވެ. އަރިމަތިން ހުސްކޮށްލާފައި ހަމްދާނަށް ނަގައިދިން ހުރަސް އޭނާ ގޯލަށް ފޮނުވާލީ ހަމަޖެހިލާފައި ހުރެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފުރަތަމަ ލަނޑު ޖެހި ހަނާން އެވެ.
މުބާރާތުގެ ލީގު ބުރުގައި ބާކީ އޮތީ ދެ މެޗެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ ސްޕޯޓްސް އާއި އޭދަފުށީ ވެޓަރަންސް އެވެ. މި މެޗު ކާމިޔާބުކޮށްގެން އެއް ވަނަ ޓީމުގެ ގޮތުގައި ވެލާ ސްޕޯޓްސް އަށް ފައިނަލަށް ދެވޭނެ އެވެ.
މި މުބާރާތަކީ އޭދަފުށީ ކައުންސިލްގެ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.
ފިރިހެން ފުޓްބޯޅަ މުބާރާތުގެ އިތުރުން ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު ވިއްސާރައިގެ ސަބަބުން މިރޭ ވެސް ވިމެންސް މެޗުތައް ވަނީ ކެންސަލްކޮށްފަ އެވެ. މިހާރު ޝެޑިއުލްކޮށްފައިވަނީ ވިމެންސް ފުޓްސަލް މުބާރާތް މާދަމާ ރޭ ފަށާ ގޮތަށެވެ.