ވިމެންސް ފުޓްސަލް: ދަ ޝޫޓާސް ފައިނަލާ ގާތަށް

ދަ ޝޫޓާސްގެ ޝަމްހާ ލަނޑެއް ޖެހުމަށްފަހު އުފާފާޅުކުރަނީ– ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

އޭދަފުށީގައި މިހާރު ކުރިއަށްދާ ވިމެންސް ފުޓްސަލް މުބާރާތުގައި ރޭ 4-1 އިން ލިލީ ސްޓާސް ބަލިކޮށް ދަ ޝޫޓާސް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ކުރި ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ވާދަކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. ރޭގެ މޮޅާ އެކު ޝޫޓާސް އަށް ވަނީ ދެ މެޗުން 6 ޕޮއިންޓް ލިބިފަ އެވެ. މިރޭ ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޝޫޓާސް އަށް އެއް ވަނަ ލިބޭނެ އެވެ.

ރޭގެ މެޗުގައި ޝޫޓާސް ޓީމުގެ އާއިޝަތު ޝަމްހާ ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ މުބާރާތުގައި ޝަމްހާ ހެދި ދެ ވަނަ ހެޓްރިކެވެ. ދެން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާމިނަތު ޝާމިލާ އެވެ. ޝާމިލާ އަކީ ރާއްޖޭގެން އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ.

ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި ގަލްފް ގާލްސް ވަނީ 12-0 އިން ލަކީ ގާލްސް ބަލިކޮށްފަ އެވެ. މެޗުގައި ގަލްފް ގާލްސްގެ އާއިޝަތު ދިފްލާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ދިފްލާގެ އިތުރުން އާއިޝަތު ރަޝީދާ ވަނީ ހެޓްރިކް ހަދައިފަ އެވެ. ދެން ލަނޑު ޖަހައިދިނީ އާމިނަތު ޝިފާ އާއި ފާތިމަތު ޝިފްޒާގެ އިތުރުން ފާތިމަތު ރަޝީދާ އަދި ފައިހާ އަހުމަދު ފަޔާޒް އެވެ. މެޗުގައި ޝިފާ ދެ ލަނޑު ޖެހި އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާއިޝަތު ރަޝީދާ އެވެ.

މުބާރާތުގައި މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. 8:30 ގައި ކުޅޭ މެޗުގައި ޝޫޓާސް އާއި ލަކީ ގާލްސް ބައްދަލުކުރާއިރު 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ލިލީ ސްޓާސް އާއި ގަލްފް ގާލްސް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. ފޮޓޯ ޕާޓްނަރަކީ އޭދަފުށީ ރަޔާން ފޮޓޯސް އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.