އެސްޓީއޯ އޭދަފުށި ކަޕް: ބީކޭ އަތުން ހުސް ސޮނގުން މޮޅުވެއްޖެ

މިއަދު ހަވީރު ބީކޭ އާއި ހުސް ސޮނގުން ކުޅުނު މެޗުގެ ތެރެއިން– ފޮޓޯ/އިބްރާހިމް ނަޒީހު (ރަޔާން ފޮޓޯސް)

އޭދަފުށީ ޓާފް ދަނޑުގައި މިހާރު ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު ބީކޭ ފުޓްބޯޅަ ޓީމާ ވާދަކޮށް ހުސް ސޮނގުން 5-1 އިން މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗަކީ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގެ އެންމެ ފަހު މެޗެވެ. މުބާރާތުގެ ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފައިވަނީ 10 ޕޮއިންޓާ އެކު ލީގު ބުރުގެ އެއް ވަނަ ހޯދި ވެލާ ސްޕޯޓްސް ކްލަބެވެ. ދެ ވަނަ ލިބިފައިވަނީ މިއަދުގެ މޮޅު ހޯދި ހުސް ސޮނގުންނަށެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ހުސް ސޮނގުން ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ ލިބުނީ ހަތް ޕޮއިންޓް ހޯދި އެމްވީ ޔުނައިޓެޑަށެވެ. ހަތަރު ވަނަ ބީކޭ އަށް ލިބުނުއިރު ފުލަށް ދިޔައީ އޭދަފުށީ ވެޓަރަންސް އެވެ. މިއިން ކޮންމެ ޓީމަކަށް ލިބުނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޖެހީ ހުސް ސޮނގުންގެ މުހައްމަދު ޖައިލަމް އެވެ. ހުސް ސޮނގުންގެ ލީޑު އިތުރަށް ފުޅާކޮށްދިން ދެ ލަނޑު ގާތްގާތުގައި ޖެހީ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ މުހައްމަދު ޝުއާއު އެވެ. އޭގެފަހުން ބީކޭ އިން ވަނީ މުހައްމަދު އަގްޔާން ޖެހި ލަނޑުން ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ހުސް ސޮނގުންގެ ފަހު ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ނަސީމް އާއި ޑިފެންޑަރު ހާފިޒު އަހުމަދު އެވެ. މެޗުގެ ފަހުކޮޅު އަލީ ނަސީމަށް ސީރިއަސް އަނިޔާވެ ބަދަލުކުރަން ވަނީ ޖެހިފަ އެވެ. ކޮނޑުހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އަލީ ނަސީމަށް ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިން ލަނޑު ޖެހުމުގައި އެހީތެރިވެދިން އިޝާން އިބްރާހީމް (ސައްޓު) އެވެ.

މުބާރާތުގައި ދެން އޮންނާނީ ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރަން ކުޅޭ ސެމީ ފައިނަލް މެޗެވެ. އަންނަ އަންގަރާ ދުވަހުގެ ހަވީރު ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ހުސް ސޮނގުންނާއި އެމްވީ ޔުނައިޓެޑެވެ. މި މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ފައިނަލުގައި ވެލާސް ސްޕޯޓްސް ކުޅޭ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.