ވިމެންސް ފުޓްސަލް ކަޕް: ޝޫޓާސް ފައިނަލަށް، ލަކީ ގާލްސް ކަޓައިފި

ޝޫޓާސް، ފޮޓޯ/ރަޔާން ފޮޓޯސް (އިބްރާހިމް ނަޒީހް)

އެސްޓީއޯ އޭދަފުށި ވިމެންސް ފުޓްސަލް ކަޕްގައި ރޭ 14-0 އިން ލަކީ ގާލްސް ބަލިކޮށް ދަ ޝޫޓާސް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ. ރޭގެ މެޗާ އެކު ލަކީ ގާލްސް ވަނީ ތިން މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ވިމެންސް ފުޓްސަލްގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ފައިނަލުގެ ފުރަތަމަ ޖާގަ ލިބެނީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. ދަ ޝޫޓާސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. މުބާރާތުން ކެޓި ލަކީ ގާލްސް ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

ވިމެންސް ފުޓްސަލް ކަޕްގައި ލަކީ ގާލްސް އާއި ޝޫޓާސް ކުޅުނު މެޗުގެ ތެރެއިން: — ފޮޓޯ: އިބްރާހިމް ނަޒީހު/ރަޔާން ފޮޓޯސް

ރޭގެ މެޗުގައި ޝޫޓާސް އިން ޖެހި 14 ލަނޑުގެ ތެރެއިން ކެޕްޓަން އާމިނަތު ޝާމިލާ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އާއިޝަތު ޝަމްހާ ހެޓްރިކް ހެދިއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަޒްލިފާ އަބްދުއްސައްތާރު އާއި ފާތިމަތު ފައިހާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝާމިލާ އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުގައި ލިލީ ސްޓާސްއާ ވާދަކޮށް ގަލްފް ގާލްސް ވަނީ 5-1 އިން މޮޅުވެފަ އެވެ. މެޗުގައި ގަލްފް ގާލްސްގެ އާއިޝަތު ރަޝީދާ ހެޓްރިކް ހެދިއިރު އަނެއް ދެ ލަނޑު ޖެހީ އާއިޝަތު ދިފްލާ އެވެ. މެޗުގައި ލިލީ ސްޓާސްގެ ހަމައެކަނި ލަނޑު ޖެހީ ޝައްމާ އަހުމަދު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގަލްފް ގާލްސްގެ އާއިޝަތު ރަޝީދާ އެވެ.

ވިމެންސް ފުޓްސަލް ކަޕްގައި ލިލީ ސްޓާ އާއި ގަލްފް ގާލްސް ކުޅުނު މެޗުގެ ތެރެއިން: — ފޮޓޯ: އިބްރާހިމް ނަޒީހު/ރަޔާން ފޮޓޯސް

މުބާރާތުގެ މާދަމާ ރޭ އޮންނާނީ ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރާ މެޗެވެ. ގްރޫޕް ސްޓޭޖުގެ ދެ ވަނަ ހޯދި ގަލްފް ގާލްސް އާއި ތިން ވަނަ ލިބުނު ލިލީ ސްޓާސް ވާދަކުރާ މި މެޗު ފަށާނީ މާދަމާ ރޭ 8:30 ގަ އެވެ.

އޭދަފުށި ކައުންސިލްގެ ކްލަބް، ކްލަބް އޭދަފުށިން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.